ލެޔަކީ ހަށިގަނޑުގެ މައިގަނޑު ދަތުރުފަތުރުގެ ޒިންމާ އުފުލާ އެއްޗެކެވެ. އޮކްސިޖަން، ހޯމޯން، ލޭމަނާކުރާ މާއްދާ، ހަކުރު، ސަރުބީ އަދި ސެލްތަކުގެ ދިފާޢީ ނިޒާމްވެސް މަސައްކަތްކުރަނީ ލޭގެ ދައުރުވުމާއި އެކުއެވެ. ލޭ ސާފު ކުރުމަށް ފުރަމެއާއި ގުރުދާއިން އަބަދުވެސް ވަރަށް ގިނަ މަސައްކަތް ކުރާނެއެވެ. އެހެންކަމުން މި ގުނަވަންތަކުގެ މަސައްކަތްކުޑަކޮށްދީ ފެއިލްވުމުން ރައްކާތެރި ކުރުމަށްޓަކައި ގުދުރަތީގޮތުން ލޭ ސާފު ކުރެވޭނެގޮތް ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަކި ޚާއްސަ އެންމެ ކާނާއަކުން ލޭ ސާފުކޮށްދިނުމަކީ ވާނެކަމެއް ނޫނެވެ. އަބަދުވެސް މިންހަމަ ކެއުމެއް ކާން ޖެހެއެވެ. މި ކެއުމުގައި މޭވާއާއި ތަރުކާރީ ގިނަ އަދަދަކަށް ހިމަނަން ޖެހެއެވެ. ތިރީގައި މި ބަލާލަނީ ލޭސާފު ކުރުމުގައި ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް ސައިންސްވެރިންނާއި ސިއްޙީމާހިރުން ފާހަގަކުރާ ބައެއް ކާނާއަށެވެ.

ފެން

ފެނަކީ ގުރުދާގެ މަސައްކަތް ފަސޭހަ ކުރުމަށް އެންމެ ބޭނުންވާ އެއްޗެވެ. ގުރުދާގެ މަސައްކަތްކުރެވެނީ ފެނުގެ އެހީތެރިކަމާއެކުއެވެ. ހަށިގަނޑުން ފެން މަދުވާނަމަ ގުރުދާއަށް ގެއްލުންލިބޭނެއެވެ. އެކަށީގެންވާ ވަރަށް ފެން ބޭނުން ކުރެވޭނަމަ ދުވާލަކު 6 ތަށި ހުންނަ ވަރަށް ކުޑަކަމު ދެވޭނެއެވެ. އަދި ކުޑަކަމުދާ ތަކެތީގެ ކުލަ ހުންނަންވާނީ ވަރަށް މަޑު ރީނދޫ ކުލައެއްގައެވެ. އެކި މީހުނަށް ފެން ބޭނުންވަނީ އެކި ވަރަށެވެ. ނަމަވެސް އާންމު މިންގަނޑަކީ ދުވާލަކަށް 8 ތަށި ފެން ބުއިމެވެ. ކަސްރަތުކުރާނަމަ ނުވަތަ ބަރުދަން އިތުރުނަމަ އިތުރަށް ފެން ބޭނުންވާނެއެވެ. އަދި އަންހެނުންނަށްވުރެ ފިރިހެނުންނަށް ފެން ބޭނުންވާ މިންވަރުވެސް އިތުރެވެ.

 

ކެބެޖް، ކޯލިފްލާވަރ، ބްރޯކަލީ

މި ފަދަ ފަތް ތަރުކާރީއަކީ ގުރުދާގެ ބަލިތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ތަރުކާރީތަކެވެ. މިއީ އެންޓިއޮކްސިޑެންޓުން މުއްސަނދި ވެފައިވާ ތަރުކާރީއެވެ. މިއީ ގުރުދާގެ ކެންސަރާއި އެހެން ބައެއް ކެންސަރުންވެސް ރައްކާތެރިކޮށްދޭ ތަރުކާރީކަން ވަނީ ދިރާސާތަކުން ހާމަވެފައެވެ. މިއީ ފެނުކައްކައިގެން، ފިހެގެން އަދި ސޫޕްފަދަ ތަކެއްޗަށް އަޅާއިގެން ކެއުމުގެ އިތުރުން ރޮލާވެސް ކެވޭނެ ތަރުކާރީއެވެ.

 

ކޮފީ

ގަވާއިދުން ކޮފީ ބުއިމަކީ ފުރަމެއަށް އޭގެ ރަގަޅު އަސަރު ކުރާނެ ކަމެކެވެ. އަދި ކޮފީއަކީ ފުރަމެއަށް ކެންސަރު ޖެހުމުން ދުރުކޮށް، ހެޕަޓައިޓިސް ސީ އިންވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ. ކޮފީގެ ސަބަބުން ލޭ ސާފުވުމުން ފުރަމޭގައި ސަރުބީ ޖެހުމުންވެސް ދުރުކޮށްދޭނެއެވެ.

 

ލޮނުމެދު

ލޮނުމެދަކީ ރޮލާ އަދި ޕައުޑަރ ގެ ގޮތުގައި ބޭނުންކޮށްގެން ކޮންމެ ކާއެއްޗެއްގެ ރަހައަށް ވެސް މީރުކަން ގެނެސްދޭ އެއްޗެކެވެ. ލޮނުމެދުގެ ސަބަބުން ލޭ ސާފުކޮށްދިނުމުން، ސަރުބީ ދަށްކޮށް، ލޭގެ ޕްރެޝަރުވެސް ދަށްކޮށްދެއެވެ. ލޭގެ ޕްރެޝަރު މަތިވުމަކީ ގުރުދާގެ ލޭނާރުތަކަށް ގެއްލުންވެދާނޭ ކަމެކެވެ. އެހެންކަމުން ލޮނުމެދު، ކެއުމުގައި ހިމެނި ކަމުގައިވިޔަސް ލޭގެ ޕްރެޝަރު ބަލަމުން ގެންދަންވާނެއެވެ.

މަސް

ކަނޑުމަސް، ސާމަން، ސާރޑިން ފަދަ މަސް މަހަކީ އޭގައި ގިނަ އަދަދަކަށް އޮމެގާ-3 ހިމެނޭ މަހެވެ. އޮމެގާ-3 އަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ މާއްދާއެކެވެ. އޭގެ ސަބަބުން ފުރަމެ އާއި ގުރުދާގެ މަސައްކަތް ރަގަޅަށް ހިނގަމުންދާނެއެވެ. ނަމަވެސް މަހަކީ ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭ ކާނާއެއް ކަމުން ކުރިންސުރެ ގުރުދާގެބަލި ހުރިނަމަ މަސްކެއުން މަދުކޮށްލަން ޖެހޭނެއެވެ. ސަބަބަކީ ޕްރޮޓީން ގިނަވާނަމަ ގުރުދާގެ މަސައްކަތް ބުރަ ވާނެތީއެވެ.