އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް އީރާނުގެ ދައުލަތުގެ ޓީވީން ވަރުގަދަ އިންޒާރެއް ދީފިއެވެ.

އީރާނުގެ ޓީވީން ފޮނުވި މި އިންޒާރުގައި ބުނެފައިވަނީ، "ދެން ފޮނުވާލާ ވަޒަނެއް ޓްރަމްޕަށް ނާރައި، ކަސިޔާރުވެގެން ނުދާނެ،" ކަމަށެވެ. މިއީ ޓްރަމްޕް އަވަހާރަކޮށްލުމަށް ދާދި ފަހުން އެމެރިކާގައި ބޭއްވި އެއްވުމެއްގެ ތެރެއިން ދިން ހަމަލާއަށް އިޝާރާތްކޮށް ދީފައިވާ އިންޒާރެއް ކަމަށް ބެލެވެއެވެ. 

އެފަހަރު ޓްރަމްޕްގެ ކަންފަތްޕުޅަށް ވަޒަން އެރި ނަމަވެސް، ފުރާނަފުޅަށް ގެއްލުމެއް ލިބިވަޑައިނުގަނެ ވަނީ ސަލާމަތްވެވަޑައިގެންފައެވެ.

މި އިންޒާރު ދީފައިވަނީ އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ މަރާލި މައްސަލައިގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޓްރަމްޕްގެ ވެރިކަމުގައި ދިން ޑްރޯން ހަމަލާއެއްގައި ސުލައިމާނީ މަރާލުމާ ގުޅިގެން، އީރާނުން ވަނީ އޭގެ ބަދަލު ހިފާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އީރާނުގެ މީޑިއާތަކުން މީގެ ކުރިން ވެސް ވަނީ ޓްރަމްޕް ގޯލްފް ކުޅުއްވަން ހުންނަވާ މަންޒަރާއި، ޒަމާނީ ހަތިޔާރު ބޭނުންކޮށްގެން ހަމަލާދޭ ތަން ދައްކުވައިދޭ އެނިމޭޝަން ވީޑިއޯތައް އާންމުކޮށްފައެވެ.

ޓްރަމްޕަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާއަށްފަހު އޭނާގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވެސް ވަނީ އީރާނުން ޓްރަމްޕަށް ހަމަލާދީފާނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހާމަކޮށްފައެވެ. ނަމަވެސް ޓްރަމްޕް ގެންދަވަނީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ. އީރާނުގެ މި އިންޒާރާ ގުޅިގެން އެމެރިކާގެ ސަލާމަތީ އިދާރާތަކުން ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހަބަރުތައް ބުނެއެވެ.