ސްޕެއިންގެ ތާރީހުގައި ވެސް މުހިންމު ސަފުހާއެއް ލިޔެލުމަށް ޕްރިންސެސް ލިއޮނޯ ތައްޔާރުވެއްޖެއެވެ.
އުމުރުން އެންމެ 20 އަހަރުގެ ލިއޮނޯ ވެގެންދާނީ ފާއިތުވި 150 އަހަރު ތެރޭގައި އެ ގައުމުގެ ރަނިކަން ކުރައްވާ ފުރަތަމަ އަންހެން ބޭފުޅަށެވެ. މިއީ ސްޕެއިންގެ ޝާހީ އާއިލާއަށާއި މުޅި ގައުމަށް ވެސް ލިބިގެންދާ ތާރީހީ ބޮޑު ބަދަލެކެވެ.
ލިއޮނޯއަކީ މިހާރުގެ ރަސްގެފާނު ފެލިޕޭ 6 ގެ ދޮށީ ދަރިކަނބަލުންނެވެ. ރަސްކަމުގެ ތަހުތާ ހަވާލުވެވަޑައިގަތުމަށްޓަކައި އޭނާ ވަނީ އަސްކަރީ ތަމްރީނުތަކާއި ތައުލީމީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރައްވާފައެވެ.
ޒުވާން އުމުރުގައި މިފަދަ ބޮޑު ޒިންމާއަކާ ހަވާލުވެވަޑައިގަންނަވާއިރު، ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ސްޕެއިންގެ ރަސްކަމުގެ ނިޒާމަށް ޒަމާނީ ކުލަވަރެއް ގެނުވައިދޭނެ ކަމެކެވެ.
ސްޕެއިންގައި އެންމެ ފަހުން އަންހެން ބޭފުޅަކު ރަނިކަން ކުރައްވާފައި ވަނީ 1868 ވަނަ އަހަރު، އިސަބެލާ 2 ރަނިކަމުން ދުރުކުރުމާ ހަމައަށެވެ. އެހެންކަމުން ލިއޮނޯގެ މި ދަތުރަކީ ގަރުނަކާއި ބައިގެ މެދުކެނޑުމަކަށް ފަހު އަންނަ މުހިންމު ބަދަލެކެވެ. އޭނާގެ މަގުބޫލުކަން ޒުވާނުންގެ މެދުގައި ބޮޑުވެފައިވާއިރު، ކުރިމަގުގެ ރާނީއެއްގެ ގޮތުގައި އޭނާ ދައްކަވަމުން ގެންދަވާ ސާބިތުކަމަށް ގިނަ ބައެއްގެ ތައީދު ވަނީ ލިބިފައެވެ.
