އަމިއްލަ ގިނަ ކްލިނިކްތަކާއި އައިނު ފިހާރަތަކުން އާސަންދަ ސްކީމުގެ ދަށުން އައިނު ހެއްދޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ. 

އަމިއްލަ ތަންތަނުން އައިނު ހެއްދުމަށް އާސަންދަ ދިނުން މިއަދުން ފެށިގެން ފުޅާކުރާނެކަން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ މަހު އިއުލާނުކޮށްފައިވާއިރު، އާސަންދަ ކުންފުނިން މިހާރު ވަނީ މި ޚިދުމަތް ލިބޭނެ އަމިއްލަ ތަންތަނުގެ ލިސްޓެއް އާންމުކޮށްފައެވެ.

އާސަންދަ ސްކީމުގައި ރަޖިސްޓްރީކޮށްފައިވާ އޮފްތަލްމޮލޮޖިސްޓުން ދޫކުރާ ލޮލުގެ ރިފްރެކްޝަން ޕްރިސްކްރިޕްޝަންތަކަށް، އެމްޕެނަލް ކުރެވިފައިވާ އައިނު ފިހާރަތަކުން މިއަދުން ފެށިގެން އާސަންދައިގެ އެހީގައި ޚިދުމަތް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. 

މި ޚިދުމަތް ލިބޭނެ ޖުމްލަ 18 ތަނެއް އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

އޭޑީކޭ ހޮސްޕިޓަލް

އެޑްވާންސް އައި ކްލިނިކް

އެޑްވާންސް މެޑިކަލް ކްލިނިކް

އެއިމްސް ޑައިގްނޯސްޓިކް ކެއާ

އަޒްމީ ނައީމް މެޑިކަލް އެންޑް ޑައިކްނޯސްޓިކް ސެންޓަރު (އޭއެމްޑީސީ)

ސިޓީ އޮޕްޓިކަލް ކްލިނިކް

އައިކެއާ ކްލިނިކް ހުޅުމާލެ

އައިކެއާ ހޮސްޕިޓަލް

އައިކެއާ ހޮސްޕިޓަލް ހުޅުމާލެ އެނެކްސް

ފާރޫކް ހެލްތުކެއާ

މޯލްޑިކެއާ

މެޑިކާ ހޮސްޕިޓަލް

ނޫސަންދަ

ސެނަހިޔާ

ޓްރީ ޓޮޕް ހޮސްޕިޓަލް

ވިޝަން ކްލިނިކް

ޕަބްލިކް ހެލްތު ފެސިލިޓީޒް

ރާއްޖޭގައި އަމިއްލަ ވިޔަފާރިތަކުން ވިއްކާ އައިނުގެ އަގު ބޮޑުވުމުގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ސަރުކާރުން ވަނީ މިދިޔަ ޖޫން މަހުން ފެށިގެން، ކޮންމެ ދެ އަހަރަކުން އެއްފަހަރު އައިނު ހެއްދުމަށް އާސަންދައިން ދޭ އެހީ 1,000 ރުފިޔާއިން 2,000 ރުފިޔާއަށް އިތުރުކޮށްފައެވެ.

މީގެ އިތުރުން، އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ހިލޭ އައިނު ހެއްދޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އައިނު ފިހާރަތަކެއް ވަނީ ހުޅުވާފައެވެ. ނަމަވެސް، ސަރުކާރުގެ ފަރާތުން އަމިއްލަ ވިޔަފާރީގެ ދާއިރާއަށް މިފަދައިން ވަންނާތީ ބައެއް ފަރާތްތަކުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއަދު މި އިއުލާނުކުރި ބަދަލާއެކު، އަމިއްލަ ކްލިނިކްތަކުން އައިނު ހައްދާ ފަރާތްތަކަށްވެސް އާސަންދައިގެ ލުއިފަސޭހަކަން ލިބިގެންދާނެއެވެ.