ލޭގައި ހުންނަ ކޮލެސްޓްރޯލް ދަށްކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެއް ބޭހަކީ 'ސްޓެޓިން' އެވެ. ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް މި ބޭސް މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ބޭސް ބޭނުންކުރާ ގިނަ ބަޔަކު ކުރާ އެންމެ ބޮޑު ޝަކުވާއަކީ މަސްތަކުގައި ރިއްސުމާއި ވަރުބަލިކަން އިހުސާސްވުމެވެ.
ސައިންސު ޑެއިލީގައި ބުނެފައިވާގޮތުން މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ސްޓެޓިން ބޭނުންކުރާ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް މި ބޭސް ބޭނުންކުރުން ހުއްޓާލަނީ މަސްތަކަށް ކުރިމަތިވާ މި އުނދަގޫތަކުގެ ސަބަބުންނެވެ. ނަމަވެސް، މި ބޭހުގެ ސަބަބުން މަސްތަކުގައި ރިއްސަންޖެހޭ އަސްލު ސައިންޓިފިކް ސަބަބެއް މިހާތަނަށް ސާފުކޮށް އެނގޭކަށް ނެތެވެ. އެހެންނަމަވެސް، ދާދިފަހުން ސައިންސްވެރިން ކުރި ދިރާސާއަކުން މިވަނީ މިކަމުގެ އަސްލު ސަބަބު ދެނެގަނެވިފައެވެ.
އާ ހޯދުންތަކުން ދައްކާ ގޮތުގައި، ސްޓެޓިންގެ ސަބަބުން މަސްތަކުގެ ސެލްތަކުގެ ތެރޭގައި ހުންނަ 'ކެލްސިއަމް' ދައުރުވާ މިންވަރަށް ބަދަލުތަކެއް އާދެއެވެ. މަސްތަކުގެ ސެލްތަކުގެ ތެރޭގައި ހުންނަ ކެލްސިއަމް ރައްކާކުރާ ބައިން ކެލްސިއަމް 'ލީކު' ވުމުގެ ސަބަބުން، މަސްތަކުގެ މަސައްކަތަށް ބުރޫއަރައި، އޭގެ ނަތީޖާއެއްގެ ގޮތުން މަސްތަކުގައި ރިއްސުމާއި ބަލިކަށިކަން މެދުވެރިވަނީއެވެ. މިކަމުގެ ސަބަބުން މަސްތަކުގެ ސެލްތަކަށް ގެއްލުންވެ، އިންސާނާގެ ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.
މި ހޯދުމަކީ ބޭސްވެރިކަމުގެ ދާއިރާގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މީގެ ސަބަބުން، ސްޓެޓިން ބޭނުންކުރާ ބަލިމީހުންނަށް ކުރިމަތިވާ މި ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އާ ފަރުވާތަކެއް ނުވަތަ އިތުރު ބޭސްތަކެއް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މަސްތަކުގައި ރިއްސާތީ ބޭސް ހުއްޓާލަން ޖެހޭ މީހުންގެ އަދަދު މަދުވެ، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
ސައިންސްވެރިންގެ މި އާ ހޯދުމަކީ ސްޓެޓިން ބޭނުންކުރާ އެތައް މިލިއަން ބަޔަކަށް ލިބުނު އުންމީދީ ޚަބަރެކެވެ. މީގެ ސަބަބުން ބޭހުގެ ފައިދާ ލިބިގަންނަމުން، އޭގެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމުގެ ފުރުސަތު ކުރިމަގުގައި ފަހިވެގެންދާނެއެވެ.
ނޯޓު: ދިވެހި ރާއްޖޭގައި "ސްޓެޓިން" ގެ ގޮތުގައި އާއްމުކޮށް ބޭނުންކުރާ ބައެއް އާއްމު ބޭސްތަކަކީ، "އެޓޮރވަސްޓެޓިން" އަދި "ރޮސުވަސްޓެޓިން" އެވެ.
