ފިކުރުބޮޑުވުމަކީ ހަމައެކަނި އިހުސާސްތަކަކަށް އަންނަ ބަދަލެއް ނޫނެވެ.

މިއީ މުޅި ހަށިގަނޑުގެ ފިޒިއޮލޮޖިކަލް ނިޒާމަށް އަންނަ ވަރުގަދަ ބަދަލެކެވެ. ފިކުރުބޮޑުވުން އިންތިހާއަށް އިތުރުވުމުން ނުވަތަ ގިނަ ދުވަސްތަކަކަށް ދެމިގެން ދިއުމުން، ހަށިގަނޑުގެ މުހިންމު ނިޒާމުތައް މެދުކެނޑި، ބައެއް ފަހަރު ކުއްލި މަރަކާ ކުރިމަތިލާން ޖެހިދާނެއެވެ. މި ނުރައްކާތެރި ގުޅުން އުފެދެނީ ފިކުރުބޮޑުވުމުގެ ސަބަބުން ހިތާއި ލޭގެ ހިނގުމާއި، ހޯރމޯންތަކާއި، ނާރުތަކުގެ ނިޒާމަށް ނުކަތާވަރުގެ ބާރުތަކެއް އެޅުމުންނެވެ.

ފިކުރުބޮޑުވުމުގެ ސަބަބުން ހަށިގަނޑުގެ "ސިމްޕަތެޓިކް ނާރވަސް ސިސްޓަމް" އާއި "އެޗް.ޕީ.އޭ އެކްސިސް" ހަރަކާތްތެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެޑްރެނަލިން އާއި ކޯޓިސޯލް ފަދަ ހޯރމޯންތައް ލޭގެ ތެރެއަށް ދޫކޮށްލައި، ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެ، ހަށިގަނޑަށް ބޭނުންވާ އޮކްސިޖަންގެ މިންވަރު އިތުރުވެއެވެ. ކުރު މުއްދަތަކަށް މިކަން މިގޮތަށް ހިނގުމަކީ ހަށިގަނޑަށް ލިބޭ ރައްކާތެރިކަމެއް ނަމަވެސް، މާ ގިނައިން ނުވަތަ ދިގުލައިގެން މިކަން ދިއުމަކީ ފުރާނައަށް ހުރި ނުރައްކަލެކެވެ.

ކުއްލިއަކަށް ކުރިމަތިވާ ވަރުގަދަ ފިކުރުބޮޑުވާ ކަންކަމުގެ ސަބަބުން ހިތް ހުއްޓުން ފަދަ ނުރައްކާތެރި ހާދިސާތައް މެދުވެރިވެއެވެ. ހަށިގަނޑުން ކުއްލިއަކަށް ދޫކޮށްލާ "ކެޓެކޮލަމީންސް" ތަކުގެ ސަބަބުން ހިތުގެ ވިންދު މުޅިން އޮޅުންބޮޅުންވެ، ހިތުގެ މަސްތަކަށް ލޭ ފޮނުވައިދޭ ހޮޅިތަކަށް ބާރުވެ، ހިތުގެ ޕަމްޕު ފެއިލްވެދާނެއެވެ. ހިތުގެ ބަލިތައް ހުންނަ މީހުންނަށް މިފަދަ ހާލަތެއްގައި މަދު މިނެޓުކޮޅެއްގެ ތެރޭގައި ފުރާނަ ގެއްލުމުގެ ފުރުސަތު ބޮޑެވެ.

މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ "ބްރޯކަން ހާޓް ސިންޑްރޯމް" ނުވަތަ "ޓަކޮޓްސޫބޯ ކާޑިއޯމައިއޮޕަތީ" އެވެ. އިންތިހާއަށް ބޮޑު ފިކުރުބޮޑުވުމެއް ނުވަތަ ނަފުސާނީ ގޮތުން ލިބޭ ވަރުގަދަ ޝޮކެއްގެ ސަބަބުން ހިތުގެ ވައަތް ފަރާތުގެ ވެންޓްރިކަލްގެ މަސައްކަތް ކުއްލިއަކަށް ހުއްޓިދެއެވެ. ގިނަ ފަހަރަށް މިއީ ރަނގަޅު ކުރެވޭ ހާލަތެއް ނަމަވެސް، ބައެއް ހާލަތްތަކުގައި މީގެ ސަބަބުން ހަށިގަނޑު ޝޮކަކަށް ގޮސް ކުއްލި މަރަކާ ކުރިމަތިލާން ޖެހެއެވެ.

ފިކުރުބޮޑުވުމުގެ ސަބަބުން ހިތުގެ އިލެކްޓްރިކަލް ނިޒާމަށް ވެސް ބުރޫއަރައެވެ. މީގެ ސަބަބުން ހިތުގެ ވިންދު އިންތިހާއަށް އަވަސްވެ، "ވެންޓްރިކިއުލާ ފިބްރިލޭޝަން" ފަދަ ނުރައްކާތެރި ހާލަތްތަކަށް މަގުފަހިވެއެވެ. ސިއްރުވެފައިވާ ހިތުގެ ބައްޔެއް ހުންނަ މީހުންނާއި، އުފަންވީއިރު ހިތުގެ ވިންދުގައި މައްސަލަ ހުންނަ މީހުންނަށް މިފަދަ ހާލަތްތަކުގައި ނުރައްކާ އިންތިހާއަށް ބޮޑުވެއެވެ.

ދިގު މުއްދަތަކަށް ތަހައްމަލުކުރަންޖެހޭ ފިކުރުބޮޑުވުމަކީ ކުއްލި މަރަކަށް ބޭނުންވާ ފުރުސަތުތައް ހަށިގަނޑުގައި ބިނާކުރާ ކަމެކެވެ. ހަށިގަނޑުގައި ކޯޓިސޯލް ހުންނަ މިންވަރު ނުބައިވުމާއި، ހަށިގަނޑުގެ އެކި ތަންތަން ދުޅަވުން ފަދަ ކަންކަމުގެ ސަބަބުން ހިތުގެ މައި ދޮރާށިތައް ބެދުމަށް މަގުފަހިވެއެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް، މިކަމުގެ ސަބަބުން ކުއްލި ފިކުރުބޮޑުވުމެއް ކުރިމަތިވިޔަސް އެއީ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާއަކަށް ބަދަލުވެއެވެ.

ހިތުގެ މައްސަލަތަކުގެ އިތުރުން، ފިކުރުބޮޑުވުމުގެ ސަބަބުން ސިކުނޑީގެ ނާރުތަކަށް ވެސް ނުރައްކާވެއެވެ. ލޭގެ ޕްރެޝަރު ކުއްލިއަކަށް މަތިވުމުގެ ސަބަބުން ސިކުނޑިއަށް ލޭ ފޭބުން ނުވަތަ ލޭނާރެއް ފަޅައިގެން ދިއުމަކީ ހިނގާ ކަމެކެވެ. އަދި ސިކުނޑީގެ ލޭހޮޅިކޮޅެއްގައި ލޭކޮޅެއް ގަނޑުވެ ބުލޮކުވެ ލޭ ދައުރުކުރުން ހުއްޓި ސްޓްރޯކު ޖެހޭ ގޮތްވެއެވެ. މިފަދަ ސްޓޯކުތަކަކީ މި ފަހަކަށް އައިސް އާއްމު ކަންކަމެވެ.

ފިކުރުބޮޑުވުމުގެ ސަބަބުން އިންސާނާގެ އުޅުމަށް އަންނަ ބަދަލުތަކުން ވެސް މި ނުރައްކާ ބޮޑުވެއެވެ. ނިދި މަދުވުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ސިއްހީ ކަންކަމަށް ފަރުވާކުޑަކުރުމަކީ ފިކުރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ. މިކަންކަމުގެ ސަބަބުން ހަށިގަނޑުގެ ބަލިމަޑުކަން އިތުރުވެ، ފިކުރުބޮޑުވުމާއި ބަލިމަޑުކަމުގެ ނުބައި ދައުރެއްގެ ތެރޭގައި އިންސާނާ ތާށިވެގެންދެއެވެ.

ކުއްލި މަރުގެ ނުރައްކާ އެންމެ ބޮޑީ ހިތުގެ ބަލިތައް ހުންނަ މީހުންނާއި ކުރިން ހާޓް އެޓޭކެއް ޖެހިފައިވާ މީހުންނަށެވެ. އެހެންނަމަވެސް، އެއްވެސް ބައްޔެއް ނެތް މުޅިން ދުޅަހެޔޮ މީހަކަށް ވެސް އިންތިހާއަށް ބޮޑު ފިކުރުބޮޑުވުމެއް ކުރިމަތިވާ ހިނދު ހަށިގަނޑު ހުއްޓުމަކަށް އަތުވެދާނެއެވެ. މިއީ އެއްވެސް މީހަކަށް މީގެން މިންޖުވެވިފައި ނުވާކަން އަންގައިދޭ ބިރުވެރި ހަގީގަތެކެވެ.

ޚުލާސާކޮށް ދަންނަވާނަމަ، ފިކުރުބޮޑުވުމާއި ކުއްލި މަރާ ގުޅިފައިވަނީ ދެ ގޮތަކަށެވެ. އެއީ ކުއްލިއަކަށް ކުރިމަތިވާ ވަރުގަދަ ލޮޅުންތަކާއި، ގިނަ ދުވަހުން ހަށިގަނޑަށް ދޭ އަނިޔާތަކުގެ ސަބަބުންނެވެ. މި ނުރައްކާތެރި ގުޅުން ދެނެގަތުމަކީ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރަންޖެހޭ މުހިއްމު ކަމެކެވެ. އަދި ފިކުރުބޮޑުވުމަކީ ދިމައިވާ ކަމެއް ކަމަށް ގަބޫލުކޮށް އެފަދަ ކަމެއް ތަހައްމަލު ކުރާކަމަށް އެއްބަސްވުމަކީ ދެރަކަމެއް ކަމުގައި ދެކިގެން ނުވާނެއެވެ. ފުރާނައަށް ނުރައްކާކުރާ ކަމެއްގައި ލަދުގަތުމެއް ފަސްޖެހުމެއް އޮވެގެން ނުވާނެއެވެ. އަދި ފިކުރުބޮޑުވާ ކޮންމެ މީހަކީ ދެރަ ނިކަމެއްޗެއް ކަމުގައި ދެކިގެންވެސް ނުވާނެއެވެ. އެވާހަކަ ދައްކާ ހައްލު ހޯދުމަށް މަސައްކަތް ކުރަންވާނެެެއެވެ.