ސަރުކާރުން ދޫކުރުމަށް ނިންމާފައިވާ ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން އަނެއްކާވެސް އިތުރު ތާރީޚަކަށް ފަސްކޮށްފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއަދު ހުޅުވާލުމަށް ކުރިން ހަމަޖެހިފައި އޮތް ފުރުސަތު، އަންނަ އާދިއްތަ ދުވަހަށް ފަސްކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. މި ބަދަލާއެކު، ބޯހިޔާވަހިކަމުގެ ޕޯޓަލް ހުޅުވާލާނީ މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 ގައެވެ.
ހައުސިންގ މިނިސްޓްރީން މިކަން ފަސްކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ، މި ފުރުސަތަށް ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ލަފާކުރެވޭތީ އާއި، ހަފްތާ ބަންދާ ދިމާކޮށް ހުޅުވާލުމުން ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީއެވެ.
މިއީ މި ފުރުސަތު ހުޅުވާލުން ފަސްކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ މިކަމަށް ހުޅުވާލުމަށް ނިންމީ ޖެނުވަރީ 6 ވަނަ ދުވަހުއެވެ. އޭގެ ފަހުން ޖެނުވަރީ 15 އަށް ބަދަލުކުރުމަށްފަހު، މިހާރު މިވަނީ ޖެނުވަރީ 18 އަށް ތާރީޚު ބަދަލުކޮށްފައެވެ.
މި ސަރުކާރުން މާލޭގެ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓާއި ގޯތި ދިނުމުގެ އާ އުސޫލު އިޢުލާނުކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި، 7,900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.
ފްލެޓުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ތަފާތު 15 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
އެކަނިވެރި މައިންނާއި ބަފައިންނަށް: 100 ފްލެޓު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް: 100 ފްލެޓު
ޒުވާނުންނަށް: 250 ފްލެޓު
ޓެކްސީ ޑްރައިވަރުންނަށް: 50 ފްލެޓު
ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް: 200 ފްލެޓު
ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް: 100 ފްލެޓު
މަސްވެރިންނަށް: 100 ފްލެޓު
މައިމުޅަވުމުގެ ސަބަބުން ގެދޮރު ނެތް ފަރާތްތަކަށް: 50 ފްލެޓު
ވެށިފަހި/ހިޔާ މަޝްރޫޢުން ފްލެޓު ނުލިބުނު ފަރާތްތަކަށް: 500 ފްލެޓު
ބޯހިޔާވަހިކަމެއް ނެތް ފަގީރު އާއިލާތަކަށް: 50 ފްލެޓު
ފުލުހުންނާއި ސިފައިންނަށް (ވަކިން): ކޮންމެ ބަޔަކަށް 100 ފްލެޓު
ސިވިލް ސާވިސް މުވައްޒަފުންނަށް: 200 ފްލެޓު
ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް: 100 ފްލެޓު
ޚާއްޞަ އިދާރާތަކާއި މުއައްސަސާތަކަށް: 400 ފްލެޓު
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި ފުރުސަތު އަންނަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައި އޮންނާނެއެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއި، އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.
