ހުޅުމާލެ ފޭސް 2 ގައި ހުންނަ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައި ހުރި މީހާ ވަނީ ސަލާމަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި ރަހީނުކުރި މީހާ ސަލާމަތްކުރުމަށްފަހު، އޭނާއަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާކަމަށާއި، ހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ވަނީ އޭނާގެ އާއިލާއާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހަތަރު ދިވެހި ފިރިހެނުންނެވެ. އެއީ:

ޝުނީނު އަންވަރު (24އ)، ސ. ހިތަދޫ / ބިލާލުގެ

އަލީ ސަރީހު އަންވަރު (23އ)، ގދ. ތިނަދޫ / ކުލުނު

އަހުމަދު ލުޖައިން (24އ)، ސ. މީދޫ / ހުވަދުމާވިލާ

ހުސައިން ނާހީ ޖަމާލު (23އ)، ސ. ހިތަދޫ / ބްލޫކޯނަރ

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުން ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.