އެމެރިކާ ސިފައިން ކެރީބިއަން ކަނޑުގެ ސަރަހައްދުން "ވެރޮނިކާ" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި އެވެ.

މިއީ ވެނެޒުއޭލާއާ ގުޅުން އޮތް ކަމަށް ބުނެ އެމެރިކާއިން ހިފެހެއްޓި ހަ ވަނަ ބޯޓެވެ. ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމް ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ މި ބޯޓަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ.

މި ބޯޓު ހިފެހެއްޓުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ އެމެރިކާގެ ކޯސްޓް ގާޑާއި ނޭވީ ގުޅިގެންނެވެ.

ސަދަން ކޮމާންޑުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި 'ޔޫއެސްއެސް ޖެރަލްޑް އާރު ފޯޑް' މަނަވަރުން ސިފައިން ވަނީ ބޯޓަށް އަރައިފަ އެވެ. ނޯމް އާންމުކުރެއްވި ވީޑިއޯއިން ފެންނަ ގޮތުގައި ހެލިކޮަޕްޓަރު ބޭނުންކޮށްގެން ވާގަނޑެއްގެ އެހީގައި ސިފައިން ވަނީ އެ ބޯޓުގެ ޑެކް މައްޗަށް ފައިބައިފަ އެވެ.

މިއީ ވެނެޒުއޭލާގެ ތެލުގެ އުފެއްދުންތަކާއި ވިޔަފާރި ކޮންޓްރޯލް ކުރުމަށް ޓްރަމްޕްގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހިފެހެއްޓި ބޯޓެކެވެ. މިއީ އެ ގައުމުގެ ލީޑަރު ނިކޮލަސް މަޑޫރޯ ވެރިކަމުން ދުރުކުރި ފަހުން ހިފެހެއްޓި ހަތަރު ވަނަ ބޯޓު ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނޯމް ވިދާޅުވި ގޮތުގައި މި އޮޕަރޭޝަން ހިންގީ އަސްކަރިއްޔާ އާއި ސްޓޭޓް ޑިޕާޓްމަންޓް އަދި ޖަސްޓިސް ޑިޕާޓްމަންޓް ގުޅިގެން އިންޓަނޭޝަނަލް ގާނޫނުތަކާ އެއްގޮތަށެވެ.