އީރާނުގައި ހުރި ކެނެޑާގެ ރައްޔިތަކު މަރުވެފައިވާ ކަމަށާއި، އޭނާ މަރުވީ އީރާނުގެ އޮފިޝަލުންގެ އަތުން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ކެނެޑާގެ ފޮރިން މިނިސްޓަރު އަނީތާ އަނަންދު ވިދާޅުވެއްޖެ އެވެ.

މިއީ އެ ގައުމުގެ ރައްޔިތެއްގެ ރައްކާތެރިކަމާ ގުޅޭގޮތުން އީރާނު ސަރުކާރާ ދެކޮޅަށް ކެނެޑާއިން ކުރި ސީރިއަސް ތުހުމަތެކެވެ.

މިނިސްޓަރު އަނީތާ ވިދާޅުވި ގޮތުގައި އެ މީހާ މަރުވެފައި ވަނީ "އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ އަތުން" ކަމަށް އޭނާއަށް ވަނީ އަންގައިފަ އެވެ.

ނަމަވެސް މަރުވި މީހާއާ ބެހޭ އިތުރު ތަފުސީލެއް އަދި އޭނާ މަރުވީ ކޮން ކަހަލަ ހާލަތެއްގައި ކަމެއް ކެނެޑާ ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ. މިއީ ސީދާ އީރާނު ސަރުކާރުގެ ބެލުމުގެ ދަށުގައި ހުއްޓާ ހިނގި ކަމެއް ކަމަށް ބެލެވޭ ފަދަ މޭރުމަކުން މިނިސްޓަރު ވަނީ ވާހަކަދައްކަވައިފަ އެވެ.

މި ހާދިސާއާ ގުޅިގެން ކެނެޑާއިން އީރާނަށް ފާޑުކިޔުން އަމާޒުކުރާނެ ކަމަށް ބެލެވެ އެވެ. ކެނެޑާއިން އަންނަނީ އީރާނުގައި ހިންގާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި އަޑުއުފުލަމުންނެވެ. އަދި މި މައްސަލައިގައި އީރާނުން ޖަވާބުދާރީވުމަށް ކެނެޑާއިން ބާރުއަޅާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.