މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ފުރަތަމަ ޕްރޮޑަކްޓް ކަމަށްވާ "އިސްލާމިކް މައިކްރޯ ފައިނޭންސިން" އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ކުރިއަށް ގެންދާ މި ސްކީމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ކުޑަ ރޭޓުގައި ދޫކުރާ ފައިނޭންސިން އެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ މިއީ ބޭންކުތަކުން ފައިނޭންސިން ހޯދުމަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދީ، އެންމެން ޝާމިލުވާ ނިޒާމެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

"މި ފައިނޭންސިންގެ ސަބަބުން އަލަށް ފަށާ ވިޔަފާރިތައް އިތުރުވެ، އަދި މިހާރު ވެސް ގޭތެރޭގައާއި އަމިއްލައަށް ހިންގާ ކުދި ވިޔަފާރިތަކަށް ރަސްމީ ހައިސިއްޔަތެއް ލިބި، ހަރުދަނާކަމާއެކު ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ،" ބަދުރުއްދީން ވިދާޅުވި އެވެ.

މި ސްކީމުގެ ދަށުން ކުދި ވިޔަފާރިތަކަށް 100،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. މި ފައިސާ ދޫކުރުމަށް ހަމަޖެހިފައި ވަނީ އަހަރަކު 2.5 ޕަސަންޓުގެ ރޭޓުގަ އެވެ. ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އެހީތެރިވުމުގެ ގޮތުން ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، އޭގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ހިމެނެ އެވެ. އަދި މިކަމަށް އެދި ހުށަހަޅާއިރު ޕްރޮސެސިން ނުވަތަ އެޕްލިކޭޝަން ފީއެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނަގާނެ އެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ދޫކުރާ މި ފައިނޭންސިން ހާއްސަކޮށްފައި ވަނީ އާންމު ބޭންކިން ނިޒާމުގެ ތެރެއިން ލޯނު ލިބުމުގައި ދަތިތައް ހުންނަ ފަރާތްތަކަށާއި އަލަށް ވިޔަފާރި ފަށާ މީހުންނަށެވެ. މިއީ މީގެ ކުރިން މާލީ އެއްވެސް އިދާރާއަކުން އެހީތެރިކަން ލިބިފައިނުވާ ފަރާތްތަކަށް އިސްކަންދީގެން ދޫކުރާ އެއްޗެކެވެ. މީގެ ބޭނުމަކީ ނުރަސްމީކޮށް ހިންގާ ވިޔަފާރިތައް މާލީ ނިޒާމުގެ ތެރެއަށް ވައްދައި ގުޅުން ބަދަހިކުރުމެވެ.

މި ސްކީމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.