ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު ވަނީ 15،000 އިން މައްޗަށް އަރައިފަ އެވެ.
އެގޮތުން ޑިސެމްބަރު މަހުގެ ނިޔަލަށް 15،059 މީހުން ވަނީ ދަފްތަރުގައި ހިމަނައިފަ އެވެ. މިއީ އޭގެ ކުރިން ސެޕްޓެމްބަރު މަހު ހުރި އަދަދާ އަޅާބަލާއިރު 269 މީހުންގެ އިތުރުވުމެކެވެ.
މި ދަފްތަރުގައި ހިމެނޭ މީހުންގެ ތަފްސީލަށް ބަލާއިރު ގިނައީ ފިރިހެނުންނެވެ. އެއީ 8،736 ފިރިހެނުންނާއި 6،323 އަންހެނުންނެވެ. އުމުރުފުރާތަކަށް ބަލާއިރު އެންމެ ގިނަ މީހުން ރަޖިސްޓްރީވެފައި ވަނީ އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ ގިންތިންނެވެ. އެއީ 7،653 މީހުންނެވެ. އޭގެ އިތުރުން 18 އަހަރުން ދަށުގެ 5،099 ކުދިންނާއި 65 އަހަރުން މަތީގެ 2،307 މީހުން މި ދަފްތަރުގައި ހިމެނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުން ބަހާލެވިފައިވާ އަށް ގިންތީގެ ތެރެއިން އެންމެ ގިނަ މީހުން ރަޖިސްޓްރީކޮށްފައި ވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގަ އެވެ. އެ ބައިގައި 4،223 މީހުން ތިބިއިރު، އެކަކުގެ ގައިގައި އެއް ނުކުޅެދުންތެރިކަމަށް ވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ ނުވަތަ މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،396 މީހުން ހިމެނެ އެވެ.
ނަފްސާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ 2،116 މީހުންނާއި ސިކުނޑީގެ އުނިކަމެއް ހުންނަ 1،871 މީހުން ވެސް މި ލިސްޓުގައި ހިމެނެ އެވެ. މީގެ އިތުރުން ވާހަކަ ދެއްކުމާއި އަޑުއިވުމުން މަހުރޫމްވެފައިވާ 1،791 މީހުންނާއި ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،018 މީހުން ތިބިއިރު، އޯޓިޒަމް ހުންނަ 588 މީހުންނާއި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހުން ވެސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ.
ސަރުކާރުން އަންނަނީ މި ދަފްތަރުގައި ތިބި މީހުންގެ މައުލޫމާތު އެއްކޮށް، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދެމުން އަންނަ އިނާޔަތް 2011 ވަނަ އަހަރު ތައާރަފުކުރިއިރު، 2023 ވަނަ އަހަރު ސަރުކާރުން ވަނީ އެ އިނާޔަތް 3،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.
