މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއް ލައްކައާ ގާތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ހަފުތާގެ ނިޔަލަށް 99،350 ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް އައީ 90،659 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ 9.6 ޕަސަންޓުގެ ކުރިއެރުމެކެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން 16،868 މީހުން އައިިއިރު، ދެވަނައިގައި އޮތް އިޓަލީން 11،987 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ.
ޓޫރިސްޓުން އައި ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ގަދަ ދިހަ ގައުމުގެ ތެރޭގައި ޖަރުމަނު، ޗައިނާ، އިންޑިއާ، އެމެރިކާ، ފްރާންސްގެ އިތުރުން ކަޒަކިސްތާން އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. މީގެ ތެރެއިން އިންޑިއާ އޮތީ ލިސްޓުގެ ހަ ވަނައިގަ އެވެ.
ޓޫރިސްޓުން ރާއްޖެ އައި މަގުތަކަށް ބަލާއިރު، 98،012 މީހުން އައިސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށެވެ. މީގެ އިތުރުން މާފަރު، ގަން، ހަނިމާދޫ، މާމިގިލި އަދި ދާލު އެއާޕޯޓު މެދުވެރިކޮށް ވެސް ކޮންމެވެސް ވަރަކަށް ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.
ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އެއީ 68،881 ޓޫރިސްޓުންނެވެ. ގެސްޓްހައުސްތަކުގައި 25،407 ޓޫރިސްޓުން ތިބިއިރު، ހޮޓާތަކާއި ސަފާރީތަކުގައި ވެސް ޓޫރިސްޓުން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި 179 ރިސޯޓާއި 976 ގެސްޓްހައުސް އަދި 173 ސަފާރީ އަންނަނީ ހިންގަމުންނެވެ.
