ރާއްޖޭގެ ގަސްކަރަތައް ނުކަނޑައި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ދަނޑުވެރިކަން ކުރުމަށް ބާރުއަޅާ "ނޭޝަނަލް ޕޮލިސީ އޮން އެގްރޯފޮރެސްޓްރީ އެންޑް ޓްރީސް އައުޓްސައިޑް ފޮރެސްޓްސް 2026" އެކުލަވާލައި އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
މިއީ އެ މިނިސްޓްރީން ވޯލްޑް އެގްރޯފޮރެސްޓްރީ (އައިސީއާރުއޭއެފް) އަދި އިންޓަނޭޝަނަލް ސެންޓަ ފޯ ފޮރެސްޓްރީ ރިސާޗު (ސީއައިއެފްއޯއާރު) އާ ގުޅިގެން އެކުލަވާލި ސިޔާސަތެކެވެ. މި ސިޔާސަތު މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ވޯލްޑް އެގްރޯފޮރެސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. އެލިއަން އުބަލިޖުރޯ އެވެ. މިނިސްޓްރީގެ ފަރާތުން މިއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.
މި ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ދަނޑުބިންތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ގަސްގަހާގެހި އާލާކޮށް، އިގްތިސާދީ އަދި ތިމާވެށީގެ ގޮތުން ފައިދާހުރި ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ވެށި ހިމާޔަތްކުރުމާއި، ކަނޑޫފާތަކާއި އަތިރިމަތީގެ ގަސްތައް ރައްކާތެރިކުރުމަށް މި ސިޔާސަތުގައި ވަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ. އަދި މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކޮށް، ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަކީ ވެސް މި ސިޔާސަތުގެ އަމާޒެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ސިޔާސަތުގެ ދަށުން ދަނޑުވެރިކަމާ ގުޅޭ ޖަމިއްޔާތައް ބާރުވެރިކުރުވައި، ގަސް އިންދުމަށް ހިތްވަރު ދިނުމުގެ ގޮތުން އިނާޔަތްތައް ތައާރަފުކުރުން ހިމެނެ އެވެ. އަދި ސައިންޓިފިކް ދިރާސާތަކުގެ އެހީގައި ރާއްޖެއާ ގުޅޭ ގަސްގަހާގެހި އާލާކޮށް، އެއިން ނަފާ ހޯދޭނެ މަގުތައް ތަނަވަސްކޮށްދެވޭނެ އެވެ.
އެގްރޯފޮރެސްޓްރީއަކީ ބޮޑެތި ގަސްތައް ކަނޑާނުލައި، އެފަދަ ގަސްކަރަތަކުގެ ތެރޭގައި ކުރާ ދަނޑުވެރިކަމެކެވެ. މިހާރު ރާއްޖޭގައި އާންމުކޮށް ބިން ސާފުކޮށްގެން ކުރާ ދަނޑުވެރިކަމާ ހިލާފަށް، މިއީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ. މި ސިޔާސަތު ތަންފީޒުވުމުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ.
