ކޮވިޑާއި ގުޅިގެން ސިއްހީ ދާއިރާއަށް ވަކިން ހާއްސަކޮށް ބޭސް ފަރުވާއަށް ޝައުގުވެރި އާ ގޮތްތަކެއް ދެނެގަނެވި އީޖާދީ މަރުހަލާތައް އަންނަނީ ކަޑައްތު ކުރެވެމުންނެވެ. ނަމަވެސް ކޮވިޑަށް ކަށަވަރު ފަރުވާއެއް އަދި ވެސް ނުހޯދެ އެވެ. މި ބަލީގައި ބޮޑުވަރުވާ ގިނަ މީހުން ރަނގަޅުވާ ކަމަށް ރެކޯޑްތަކުން ނުދައްކަ އެވެ. ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްގެންވެސް ދިރިއުޅުން އާދައިގެ ހާލަތަށް ރުޖޫއަވާނެ ދުވަހެއް އަދިވެސް ޔަގީނަށް ބުނާކަށް ނޭނގެއެވެ.
އެމެރިކާގެ އޭތުލޯން މެޑިކަލްއަކީ ކޮވިޑަށް އާ ފަރުވާތަކެއްގެ އަޖުމަބަލާ ކުންފުންޏެކެވެ. އެ ކުންފުނިން ކޮވިޑަށް ފަރުވާ ކުރަނީ ހީމޯޕިއުރިފަޔާ ބޭނުން ކޮށްގެންނެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން މި ޑިވައިސް ބޭނުން ކުރަން އޮތީ ވަގުތީ ހުއްދައެއް ދީފަ އެވެ. ކޮވިޑުޖެހި، ޑޮކްޓަރުން އުންމީދު ކަނޑާލާފައި އޮތް ދެ މީހަކަށް ހީމޯޕިއުރިފަޔާއިން ފަރުވާދީ އެކަކަކު މުޅިން ރަނގަޅުކޮށް ވަނީ ގެއަށް ދޫކޮށްލާފަ އެވެ.
ދެވަނަ މީހާއަށް ހީމޯޕިއުރިފަޔާއިން ފަރުވާ ދިން ނަމަވެސް ރަނގަޅެއް ނުވި އެވެ. އޭނާ ރަނގަޅު ނުވީ ހީމޯޕިއުރިފަޔާގައި ހުރި ބަލި ކަށިކަމަކުން ނޫނެވެ. އޭނާގެ އުމުރަކީ 67 އަހަރެވެ. ހިތުގެ ލޭ ހޮޅިތައް ބެދުމުގެ މައްސަލަ ހުރެ އެވެ. ކިޑްނީ ބައްޔާއި ހަކުރު ބަލި ވެސް ހުންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހީމޯޕިއުރިފަޔާ ބޭނުން ކުރަނީ ލެއިން ކޮވިޑް ވައިރަސް ފިލްޓަރު ކުރާށެވެ. އޭނާއަށް މި ފަރުވާއިން ހެޔޮ ބަދަލު އައިކަމަށް ޑޮކްޓަރުން ވަނީ އިގުރާރުވެފަ އެވެ.
ލޭގެ ޒަރިއްޔާއިން ފެތުރޭ ބޮޑެތި ބަލިތައް ފަސޭހަ ކުރަން ހީމޯޕިއުރިފަޔާ ބޭނުންކޮށް އަޖުމަބަލައި ވަނީ ކާމިޔާބަށް ވާސިލްވެފަ އެވެ. ނަމަވެސް ކޮވިޑަކީ ކުޅުގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ.
ހީމޯޕިއުރިފަޔާއިން ފަރުވާ ކުރާއިރު މިޑިވައިސް އޮންނަނީ ހަށިގަނޑުން ބޭރުގަ އެވެ. މަސައްކަތް ކުރަނީ ކިޑްނީ ބަލިމީހުން ޑަޔަލަސިސް ހަދާ ގޮތަށެވެ. ހަށިގަނޑުން ލޭ ހޮޅިއެއް ހީމޯޕިއުރިފަޔާއަށް ގުޅުމުން ލޭގައި ހުންނަ ވައިރަހާއި ހަލާކުވެފައި ހުންނަ ސެލްތައް މި ޑިވައިސްއިން ފިލްޓަރު ކޮށްދެ އެވެ.
އެފްޑީއޭއިން ހީމޯޕިއުރިފަޔާއަށް ހުއްދަ ހޯދުމަށް އޭތުލޯން މެޑިކަލްއިން އަންނަނީ ކެމްޕޭން ކުރަމުންނެވެ. މިއީ ކޮވިޑްގެ އިތުރުން ޒިކާ އާއި އެބޯލާ، ވެސްޓް ނައިލް އަދި މާސް ފަދަ މި ޒާތުގެ ބަލިތަކުން ސަލާމަތް ކުރެވިދާނެ އާލާތެއް ކަމަށް އޭތުލޯން މެޑިކަލް އިން ބުނެ އެވެ.
