އެކްސަސައިޒް ދޯސްތީ" ގައި ބައިވެރިވުމަށް ރާއްޖެ އައި އިންޑިއާގެ ކޯސްޓްގާޑު މަނަވަރު، "އައިސީޖީއެސް ވަޖްރާ" ފަރަށް އެރުމާ ގުޅިގެން ކުރި މަސައްކަތުން އެ މަނަވަރު ފުންކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި މަނަވަރު ފަރަށް އަރާފައިވަނީ މާލެ އަތޮޅު ވިލާ ނައުޓިކާ (ކުރީގެ ޕެެރަޑައިސް އައިލެންޑް ރިސޯޓް) އާއި ގިލިލަންކަންފުށި ރިސޯޓު އޮންނަ ފަޅުގެ ތެރެއަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ ތަމްރީނުތަކުގައި ބައިވެރިވުމަށް މަނަވަރު މިއަދު ރާއްޖެ އައި މަގުމަތީގަ އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ފަރަށް އެރި އިންޑިއާގެ މަނަވަރު މިހާރު ފުންކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ފަރަށް އެރުމުގެ ސަބަބުން މަނަވަރަށް ނުވަތަ ފަރަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.
"އައިސީޖީއެސް ވަޖްރާ" ރާއްޖެ އައިސްފައިވަނީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާ ގުޅިގެން ކުރިއަށް ގެންދާ "އެކްސަސައިޒް ދޯސްތީ" ގައި ބައިވެރިވުމަށެވެ. މި ތަމްރީނުތަކުގައި ބައިވެރިވުމަށް މިއަދު ވަނީ ލަންކާގެ މަނަވަރަކާއި އިންޑިއާގެ އިތުރު މަނަވަރަކާއި ޑޯނިއާ މަތިންދާބޯޓެއް ވެސް ރާއްޖެ އައިސްފަ އެވެ.
"އެކްސަސައިޒް ދޯސްތީ" އަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މި ސަރަހައްދުގެ ގައުމުތަކުގެ ކޯސްޓްގާޑުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ.
