ގިނަ މީހުން ދަތުރެއް ރާވާނީ ރައްޓެހިން ނުވަތަ އާއިލާ މީހުންނާ އެކުގަ އެވެ. އެމީހުންނަށް ނުދެވޭނަމަ، ދަތުރު ކެންސަލްކޮށްލާ މީހުން ވެސް މަދެއް ނޫނެވެ. ނަމަވެސް އެކަނި ދަތުރުކުރުމަކީ ނުވަތަ "ސޯލޯ ޓްރެވަލް" އަކީ އޭގެ ރަހަ ޖެހިއްޖެނަމަ ދޫކޮށްލަން ދަތި، މުޅިން ތަފާތު ތަޖުރިބާއެކެވެ.
އެކަނި ދަތުރުކުރުމަކީ ބިރުވެރި ކަމެއްގެ ގޮތުގައި ހީވެފައި އޮތް ނަމަވެސް، މިއީ އަމިއްލަ ނަފްސު ހޯދައި، މިނިވަންކަމުގެ އިންތިހާ އިހުސާސްކޮށްލެވޭނެ ކަމެކެވެ.
އެކަނި ދަތުރުކުރުމުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ "މިނިވަންކަމެވެ." ހޭލާނެ ގަޑިއަކާއި، ކާނެ ތަނަކާއި، ދާނެ ތަންތަން ނިންމާނީ ހުދު ތިމާ އަމިއްލައަށެވެ. ބައިވެރިޔާ ބޭނުންވާ ގޮތް ހަދަން، ނުވަތަ އޭނާ ހޭލަންދެން އިންތިޒާރުކުރާކަށް ނުޖެހޭނެ އެވެ. ބޭނުންނަމަ މުޅި ދުވަހު މިއުޒިއަމްތަކުގައި އުޅެވިދާނެ އެވެ. ނުވަތަ އެއްވެސް ކަމެއް ނުކޮށް ކޮފީއެއް ބޯލަން ކެފޭއެއްގައި ވެސް އިނދެވިދާނެ އެވެ. މި ފުރިހަމަ މިނިވަންކަމަކީ ގްރޫޕް ދަތުރުތަކުން ލިބޭނެ އެއްޗެއް ނޫނެވެ.
މިއީ އަމިއްލަ ނަފްސު ދަސްކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ބީރައްޓެހި ގައުމެއްގައި، އެކަނި މަގު ހޯދައި، ކަންކަން ހަމަޖެއްސުމުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދެ އެވެ. ދިމާވާ ކުދިކުދި މައްސަލަތައް އަމިއްލައަށް ހައްލުކުރުމުން، ދިރިއުޅުމުގެ އެހެން ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ލިބެ އެވެ. ތިމާގެ ހުރި ގާބިލުކަން އެނގިގެންދަނީ މިފަދަ ވަގުތުތަކުގަ އެވެ.
އެކަނި ދަތުރުކުރިޔަސް، ހަގީގަތުގައި ތިމާ އެކަންޏެއް ނުވާނެ އެވެ. ގްރޫޕެއް ހަދާފައި ދާނަމަ ގިނަ ވަގުތު ހޭދަވާނީ އެމީހުންނާ ވާހަކަދެއްކުމުގަ އެވެ. ނަމަވެސް އެކަނި ދާނަމަ، އެހެން ދަތުރުވެރިންނާ ދިމާވެ، އެ ރަށެއްގެ މީހުންނާ ވާހަކަދައްކައި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ބޮޑުވެ އެވެ. ހޮސްޓެލްތަކާއި ކެފޭތަކުން އާ ރައްޓެހިން ލިބުމަކީ އެކަނި ދަތުރުކުރާ މީހުންނަށް ވަރަށް ފަސޭހަ ކަމެކެވެ.
އެކަނި ދަތުރުކުރަން ފަށައިގަންނައިރު ބިރުގަތުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުން އެ ބިރު ފިލައިދާނެ އެވެ. ދާން އުޅޭ ތަނާ ބެހޭ މައުލޫމާތު ކުރިން ހޯދުމާއި، ރޭގަނޑު އެކަނި ނުރައްކާތެރި ހިސާބުތަކަށް ނުދިއުމާއި، އާއިލާ މީހަކަށް ނުވަތަ ރައްޓެއްސަކަށް ތިމާ ހުރި ތަނުގެ މައުލޫމާތު (ލޮކޭޝަން) ހިއްސާކުރުން ފަދަ ކަންކަން ކުރެވިދާނެ އެވެ.
ދުނިޔެ ބަލާލަން ދާން ބައިވެރިޔަކު ނުލިބުނަސް، ދަތުރު ކެންސަލް ނުކުރާށެވެ. ދަބަސް އަޅުވާލައިގެން ނުކުންނާށެވެ. އެކަނި ކުރާ ދަތުރަކީ ތިމާގެ ވިސްނުމާއި ފިކުރަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ، އުމުރު ދުވަހު ހަނދާން ހުންނާނެ ތަޖުރިބާއަކަށް ވާނެކަން ޔަގީނެވެ.
