ދެކުނު އިންޑިއާގެ ސިނަމާގެ އިތުރުން މުޅި އިންޑިއާގައި ވެސް މިހާރު މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ވިޖޭ ސޭތުޕަތީ، ކުރިއަށް އޮތް ތަނުގައި ފިލްމުތަކުގައި ވިލަން ނުވަތަ "ނުބައިބައި" ރޯލުތައް ނުކުޅެން ނިންމައިފި އެވެ.
ޝާހްރުކް ޚާންގެ "ޖަވާން"، ތަލަޕަތީ ވިޖޭގެ "މާސްޓާ" އަދި ކަމަލް ހަސަންގެ "ވިކްރަމް" ފަދަ ފިލްމުތަކުގައި ސޭތުޕަތީ ކުޅުނު ވިލަން ރޯލުތަކަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ. ނަމަވެސް މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ މިހާރު އެފަދަ ރޯލުތައް ކުޅެ ފޫހިވެފައިވާ ކަމަށެވެ.
"އެންމެން ވެސް އަންނަނީ އަހަރެން ލައްވާ ހަމައެކަނި ވިލަން ރޯލު ކުޅުވަން ބޭނުންވެގެން. އެއީ އެކްޓަރެއްގެ ހައިސިއްޔަތުން އަހަންނަށް އެޅޭ ހުރަހެއް،" ސޭތުޕަތީ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ވިލަން ރޯލު ކުޅޭނަމަ، ބަތަލަށް ވުރެ މޮޅު ނުވާނެހެން އެކްޓް ކުރަން ސަމާލުވާން ޖެހެ އެވެ. އަދި އޭގެ ސަބަބުން އޭނާގެ ހުނަރު ދައްކާލަން ހުރަސްތަކެއް ކުރިމަތިވާ ކަމަށާއި، އެއް ކަހަލަ ރޯލުތަކެއް ތަކުރާރުކޮށް ކުޅެން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.
ސޭތުޕަތީ ބުނި ގޮތުގައި "ޖަވާން" އަށް ފަހު ވެސް ވިލަން ރޯލު ކުޅުމަށް ގިނަ ހުށަހެޅުންތަކެއް ލިބުނެވެ. ނަމަވެސް އޭނާ ވަނީ އެ ހުރިހާ ފުރުސަތުތަކަށް ނޫނެކޭ ބުނެފަ އެވެ. އޭނާ މިހާރު ބޮޑަށް އިސްކަންދެނީ ލީޑް ރޯލުތަކަށާއި ތަފާތު ކެރެކްޓާތަކަށެވެ.
މިހާރު ސޭތުޕަތީ ފެންނަމުންދަނީ ކެޓްރީނާ ކެއިފް އާއެކު ކުޅުނު "މެރީ ކްރިސްމަސް" އިންނެވެ. މި ފިލްމުގައި އޭނާ ކުޅެފައިވަނީ ވަރަށް ތަފާތު ރޯލެކެވެ.
