މާލެ ސަރަހައްދު ފިޔަވައި އެހެން ބައެއް ރަށްރަށަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ހެލްތު މިނިސްޓްރީން މިއަދު  އެސްޓިއޯ އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ 180 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް ގެނެސް ހަވާލުކުރުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއެކު މިއަދު ސޮއިކުރެއްވި ކަމަށެވެ. ނަމަވެސް އެމްބިއުލާންސްތައް ގެންނަން ހަވާލުކުރި އަގެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެސްޓީއޯގައި ބޭއްވުނު މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ، އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތަކީ ކޮންމެ ރަށަކަށް ވެސް މުހިންމު ޚިދުމަތެއްކަން ފާހަގަކުރައްވައި، ބައެއް ރަށްތަކުގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް މެނދުކެނޑިފައި އޮތުމުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވަމުންދާކަމަށް ނަސީމް ވިދާޅުވިއެވެ.