އިންސްޓަގްރާމް ނުވަތަ ފޭސްބުކް ހުޅުވާލުމާއެކު ފެންނަނީ ރައްޓެހިން ކޮފީތަކުގައި، ޕާޓީތަކުގައި ނުވަތަ ޗުއްޓީ ހޭދަކުރާތަނެވެ.

މި މަންޒަރުތައް ފެނުމުން "އަހަރެން މިހުރީ ބާކީވެފައި" ކަމުގެ އިހުސާސް ނުވަތަ "ފޯމޯ" (ފިއާ އޮފް މިސިން އައުޓް) ގެ އިހުސާސްކުރެވޭ ހެއްޔެވެ؟ ނަމަވެސް، މީގެ އިދިކޮޅު ވިސްނުމެއް ކަމަށްވާ "ޖޯމޯ" (ޖޯއީ އޮފް މިސިން އަުއޓް) އަކީ މިއަދު ގިނަ ބަޔަކު ބަލައިގަންނަމުން އަންނަ، ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކޮންސެޕްޓެކެވެ.

ޖޯމޯ އަކީ ކޮބާ؟

ޖޯމޯ އަކީ އެހެން މީހުން ކުރާ ކަންތައްތަކާ މެދު ކަންބޮޑުވުމެއް ނެތި، ނުވަތަ އެކަންކަމުގައި ބައިވެރިނުވެވުނަސް އެކަމާ ދެރަވުމުގެ ބަދަލުގައި، ތިމާ އެ ވަގުތު ހުރި ހާލަތާމެދު ހިތްހަމަޖެހި، އަމިއްލަ ވަގުތުކޮޅުގެ އުފާ ހޯދުމެވެ. މިއީ "ނޫނެކޭ" ބުނުމުގެ ހިތްހަމަޖެހުމެވެ.

މި އުފާވެރިކަން ތަޖުރިބާކުރާނީ ކިހިނެއް ހެއްޔެވެ؟

1. ސްކްރީން ޓައިމް މަދުކޮށްލުން: އެހެން މީހުން އުޅޭ ގޮތް ބެލުމަށް ފޯނުގައި ހޭދަކުރާ ވަގުތު މަދުކޮށްލާށެވެ. އެހެން މީހުންގެ "ހައިލައިޓް ރީލް" އާއި ތިމާގެ ހަގީގީ ދިރިއުޅުން އަޅާކިޔުން ހުއްޓާލުމުން، އަމިއްލަ ދިރިއުޅުމުގައި ހުރި ރަނގަޅު ކަންކަން ފެންނަން ފަށާނެ އެވެ. ފޯނުގެ ނޮޓިފިކޭޝަންތައް އޮފްކޮށްލައި، ފޯނާ ދުރުގައި ވަގުތު ހޭދަކޮށްލުމަކީ ސިކުނޑިއަށް ލިބޭނެ ބޮޑު އަރާމެކެވެ.

2. އެކަނި ވަގުތު ހޭދަކުރަން ދަސްކުރުން ގޭގައި އެކަނި އިނުމަކީ ފޫހި ކަމެއް ނޫނެވެ. އެއީ އަމިއްލަ ނަފްސު ޗާޖުކޮށްލަން ލިބޭ ފުރުސަތެކެވެ. ފޮތެއް ކިޔާލުން، ގޭތެރެ ސާފުކޮށްލުން، ނުވަތަ ރީތި ފިލްމެއް ބަލާލުން ފަދަ ކަމެއްގައި އެ ވަގުތު ހޭދަކޮށްލާށެވެ. ކޮންމެ ރެޔަކު ކޮފީއަށް ނުގޮސް ގޭގައި މަޑުކޮށްލުމަކީ މައްސަލައެއް ނޫނެވެ.

3. "ނޫނެކޭ" ބުނަން ފަރިތަކުރުން: ހުރިހާ ދައުވަތަކަށް އާނއެކޭ ބުނާކަށް ނުޖެހެ އެވެ. ތިމާ ބޭނުން ނުވާ ތަނަކަށް، ނުވަތަ ވަރުބަލިވެފައި ހުރެގެން ގަދަކަމުން ތަނަކަށް ދިއުމުގެ ބަދަލުގައި، ރީތިކޮށް "ނޫނެކޭ" ބުނުމަށްފަހު ގޭގައި މަޑުކޮށްލާށެވެ. އޭގެ މާނައަކީ ތިމާ އެމީހުންނާ ގުޅުން ކަނޑާލީކީ ނޫނެވެ. ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނީ އެވެ.

4. އެހެން މީހުން ކުރާ ކަންކަމާ މެދު ވިސްނުމުގެ ބަދަލުގައި، ތިމާ އެވަގުތު ކުރަމުންދާ ކަމަކަށް ސަމާލުކަން ދޭށެވެ. އާއިލާއާއެކު ކާން އިންނައިރު، ނުވަތަ ރައްޓެހިންނާއެކު އިންނައިރު ފޯނު ނުބަލައި، އެ ވަގުތުގެ ފޮނިކަން ހޯދާށެވެ.

"ޖޯމޯ" އަކީ ދުނިޔެއާ ގުޅުން ކަނޑާލުމެއް ނޫނެވެ. އެއީ ދުނިޔޭގެ ވާދަވެރިކަމާއި ދެއްކުންތެރިކަމުން އެއްކިބާވެ، އަމިއްލަ ޝަރުތުތަކެއްގެ މަތީގައި ދިރިއުޅުމުގެ އުފާ ހޯދުމެވެ.