މެދުރާއްޖެތެރޭގެ ރަށެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ބަންދުން ދޫކޮށްލުމަށް ހައިކޯޓުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އޭނާ އަލުން ބަންދުކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ 2024 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާގައި، ތުހުމަތުކުރެވޭ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދަށު ކޯޓުން ފުރަތަމަ އަމުރުކުރި އެވެ. ނަމަވެސް އެ މީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މިދިޔަ ޑިސެމްބަރު މަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ އަމުރު ބާތިލުކޮށް އޭނާ މިނިވަންކޮށްފަ އެވެ.

މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު، މިދިޔަ ހަފްތާގައި އެ ކޯޓުން ވަނީ ހުކުމް އިއްވާފަ އެވެ. ފަނޑިޔާރު އަލީ ރަޝީދު ހުސެއިން، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިއްތިފާގުން ނިންމަވާފައިވަނީ ހައިކޯޓުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ހުކުމް ބާތިލުކޮށް، އޭނާ ބަންދުކުރުމަށް ދަށު ކޯޓުން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

ސިއްރުކޮށްގެން ކުރިއަށްގެންދާ މި މައްސަލައިގައި، އެ މީހާގެ މައްޗަށް ދައުލަތުން ވަނީ ޖުމްލަ 4 ދައުވާއެއް އުފުލާފަ އެވެ. އެއީ:

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރައްކާތެރިވުމުގެ އަމުރާ ހިލާފުވުމުގެ ދައުވާ.
ގާނޫނުލް އުގޫބާތުގެ ދަށުން، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ.
ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ.
މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ދައުވާ.
ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެ މީހާ ހުންނަން ޖެހޭނީ ބަންދުގަ އެވެ.