މި ހިނގާ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން ކިރުވި މަހަށް ޖުމްލަ 13.8 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފި އެވެ.

މިފްކޯގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މަސްވެރިންނަށް ވަނީ ޖުމްލަ 13,894,956.88 (ތޭރަ މިލިޔަން އަށްލައްކަ ނުވަދިހަ ހަތަރު ހާސް ނުވަސަތޭކަ ފަންސަސް ހަ ރުފިޔާ އަށްޑިހަ އަށް ލާރި) ދޫކޮށްފަ އެވެ.

މި ފައިސާ ދޫކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ކަނޑައެޅި އައު އުސޫލުގެ ދަށުންނެވެ. މިފްކޯއިން މައުލޫމާތު ދޭ ގޮތުގައި މި ބަދަލާއެކު މަސްވެރިކަމަށް ނުކުންނަ ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިފްކޯއިން މަސް ގަންނަ އަގު ވަނީ 16 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އަދި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ވަނީ 13 ރުފިޔާއަށް ހެޔޮކޮށްފަ އެވެ.

ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމަށާއި، ޒުވާނުން މި ދާއިރާއަށް ނެރުމަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށެވެ.