ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ މީހަކަށް އެހީވުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ސްކޭމެއް ހިންގަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ މިއަދު ބުނެފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނީ މި ސްކޭމް ހިންގަމުންދަނީ "ދީނުގެ މަގު" ކިޔާ ފޭސްބުކް ޕޭޖެއް މެދުވެރިކޮށެވެ. އެ ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އައިޝަތު މާޖިދާ ކިޔާ ޒުވާން ކުއްޖަކަށް ކެންސަރު ޖެހިފައިވާ ކަމަށާއި، އެ ކުއްޖާގެ ފަރުވާއަށް އިންޑިއާގައި 6 މަހާއި 8 މަހާ ދެމެދުގެ މުއްދަތެއް ހޭދަކުރަން ޖެހޭ ކަމަށެވެ. އަދި އެހީގެ ގޮތުގައި ފައިސާ ޖަމާކުރުމަށް އެކައުންޓު ނަންބަރެއް ވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެއެވެ.
ނަމަވެސް، ފުލުހުން ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި، މާޖިދާގެ ނަމުގައި އާންމުކޮށްފައިވާ ފޮޓޯއަކީ މުޝްފިކާ ސުލްތާނާ ކިޔާ ބޭރު މީހެއްގެ ފޮޓޯއެކެވެ. މިއީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބޭނުންކުރާ އުކުޅެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށްޓަކައި، އެހީވުމުގެ ކުރިން ފޮޓޯގެ ސައްހަކަން ކަށަވަރު ކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އެގޮތުން، "ގޫގުލް އިމޭޖަސް" ފަދަ ވަސީލަތްތައް ބޭނުންކޮށްގެން "ރިވާސް އިމޭޖް ސާޗް" ކުރުމަށް ފުލުހުން އެދެއެވެ. އެއް ފޮޓޯއެއް ތަފާތު ނަންނަމުގައި ނުވަތަ ތަފާތު ވާހަކަތަކާއެކު އެހީ ހޯދަން ބޭނުންކޮށްފައިވާނަމަ، އެއީ ސްކޭމެއްކަމުގެ ބޮޑު ނިޝާނެއްކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން، އަމިއްލަ މީހުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރަން އެދޭ ހާލަތްތަކުގައި އިތުރަށް ސަމާލުވުމަށާއި، އޯޓީޕީ އެއްވެސް މީހަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި މައުލޫމާތު ނުދީގެން ބިރުދައްކާނަމަ ފޯނު ކަނޑާލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ހަމައެކަނި މިދިޔަ މަހުވެސް ސްކޭމްތަކުގައި 1.9 މިލިއަން ރުފިޔާ ވަނީ ގެއްލިފައެވެ. އަދި 2021 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ މާރިޗު 17 އާ ހަމައަށް، 6,000 އެއްހާ މީހުންގެ އަތުން 110 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އެއްވެސް ސްކޭމަރަކު ހޯދިފައިނުވާކަން ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، އާންމުން މިކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.
