ޑިޕްރެޝަނަކީ އިންސާނާގެ އިހުސާސްތަކާއި، ވިސްނުމާއި، އަދި ދިރިއުޅުމުގެ އާދަކާދަތަކަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ފޯރުވާ ނަފްސާނީ ސީރިއަސް ބަލިމަޑުކަމެކެވެ. މިއީ ހަމައެކަނި ވަގުތީ ގޮތުން ދިމާވާ ދެރަވުމެއް ނުވަތަ މާޔޫސްވުމެއް ނޫނެވެ. އެހެނެއްކަމަކު، މިއީ ހަފްތާތަކަކަށް ނުވަތަ މަސްތަކަކަށް ދެމިގެންދާ، ދިރިއުޅުމުގެ އުފާވެރިކަން ގެއްލުވައިލާ ފުން އަސަރުތަކެކެވެ. ޑިޕްރެޝަން ތަހައްމަލުކުރާ މީހުންނަށް އަމިއްލަ ނަފްސާއި މުޅި ދުނިޔެއާ ވަކިވެފައިވާ ފަދަ އިހުސާސެއް ކުރެވި، އާންމު ދިރިއުޅުމުގައި ކުރާ ކުދިކުދި މަސައްކަތްތަކަކީ ވެސް ބުރަ، ބޮޑެތި ކަންތައްތަކެއްގެ ގޮތުގައި އިހުސާސް ކުރެވެއެވެ.

ސައިންސް ޑެއިލީގައި ބުނެފައިވާގޮތުން މި ބަލި ތަހައްމަލުކުރާ މީހުންނަށް ދާއިމީ ގޮތެއްގައި މާޔޫސްކަމާއި، ހުސްކަން ނުވަތަ އެއްވެސް އިހުސާސެއް ނެތްކަމުގެ އިހުސާސް ކުރެވިދާނެއެވެ. ކުރިން އުފާލިބުނު ކަންކަމާއި ހަރަކާތްތަކުން މިހާރު އުފާވެރިކަން ނުލިބުމާއި، ދިރިއުޅުމުގެ ޝައުގުވެރިކަން މަޑުމަޑުން ގެއްލެން ފަށައެވެ. ގިނަ މީހުންނަށް އަބަދު ވަރުބަލިވެފައި ހުރުމާއި، ނިދުމުގެ އާދަތަކަށް ބަދަލު އައުމާއި، ކެއުމަށް އޮންނަ ޝައުގުވެރިކަން ކުޑަވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހެއެވެ. މީގެ އިތުރުން، ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވުމާއި، އަމިއްލަ ނަފްސާ މެދު ނޭދެވޭ ގޮތްގޮތަށް ވިސްނި، ކުށްވެރިކަމުގެ އިހުސާސް ކުރެވުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި، ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަމުގެ ބިރުވެރި ވިސްނުންތައް ވެސް އާދެއެވެ.

ޑިޕްރެޝަން މެދުވެރިވަނީ ވަކި ސަބަބަކާ ހުރެއެއް ނޫނެވެ. އަދި މިއީ ކޮންމެ އުމުރެއްގެ، ކޮންމެ ފަންތިއެއްގެ މީހަކަށް ވެސް ދިމާވެދާނެ ކަމެކެވެ. މީގެ ތެރޭގައި ދިގުދެމިގެންދާ ނަފްސާނީ ފިއްތުންތަކާއި، ހިތާމަވެރި ހާދިސާތަކާއި، އާއިލީ މައްސަލަތަކާއި، ގާތް މީހަކު ވަކިވެދިއުން ނުވަތަ ހަށިގަނޑުގެ ހޯރމޯންތަކާއި ސިކުނޑީގެ ކެމިކަލްތަކަށް އަންނަ ބަދަލުތައް ހިމެނެއެވެ. ބައެއް ފަހަރު، ބަލި މެދުވެރިވާ ސީދާ ސަބަބެއް ނޭނގުމުގެ ސަބަބުން ބަލިމީހާ ލަދުގަނެ، ހާސްވާ ގޮތްވެއެވެ. ނަމަވެސް، ހަނދާން ބަހައްޓަންވީ ކަމަކީ ޑިޕްރެޝަނަކީ އަމިއްލަ ނަފްސުގެ ނުކުޅެދުންތެރިކަމެއް ނޫންކަމެވެ. އަދި މިއީ ހަމައެކަނި "ޕޮޒިޓިވްކޮށް ވިސްނައިގެން" އެކަނި ރަނގަޅު ކުރެވޭނެ ކަމެއްވެސް ނޫނެވެ.

ޑިޕްރެޝަނަކީ ކިތަންމެ ބޮޑު ތަކުލީފަކަށް ވީނަމަވެސް، މީގެއިން އަރައިގަނެ ފަސޭހަވުމުގެ މަގު އަބަދުވެސް އޮވެއެވެ. ބަލިން ފަސޭހަވުމުގެ ފުރަތަމަ ފިޔަވަޅަކީ، ތިމާއަށް އެހީތެރިކަން ބޭނުންވާކަން ގަބޫލުކުރުމެވެ. އިތުބާރު ކުރެވޭ ގާތް މީހަކާ ވާހަކަދެއްކުމަކީ އެކަނިވެރިކަމުގެ އިހުސާސް ކުޑަކޮށްދޭނެ ކަމެކެވެ. ހަމައެއާއެކު، ނަފްސާނީ ބަލިތަކަށް ފަރުވާދޭ ފަންނީ މާހިރުންގެ އެހީތެރިކަމާއި، ތެރަޕީ ނުވަތަ ބޭސްފަރުވާގެ އެހީގައި މި ބަލިން އަރައިގަނެވިދާނެއެވެ. ދިރިއުޅުމުގައި ކުދިކުދި ދުޅަހެޔޮ އާދަތައް އަށަގެންނެވުމާއި، އަމިއްލަ ނަފްސަށް އޯގާތެރިވުމަކީ ނަފްސާނީ ބާރުވެރިކަން އަލުން ހޯދައިދޭނެ ކަންކަމެވެ. ބަލިން ފަސޭހަވުމުގެ ދަތުރަކީ ލަސް ދަތުރަކަށް ވީނަމަވެސް، ކުރިއަށް އެޅޭ ކޮންމެ ފިޔަވަޅަކީ މުހިންމު ފިޔަވަޅެކެވެ.

ޑިޕްރެޝަންގެ ސަބަބުން ދިރިއުޅުމާ މެދު ދެކޭ ގޮތް ބަދަލުވެދާނެއެވެ. ނަމަވެސް، އެއީ ތިބާގެ މުޅި މުސްތަގުބަލެއް ނޫނެވެ. ކެތްތެރިކަމާއި، ހޭލުންތެރިކަމާއި، އަދި އެހީތެރިކަމާ އެކު އަލުން އުއްމީދީ ދިރިއުޅުމަކަށް ރުޖޫޢަވެވިދާނެއެވެ. ކިތަންމެ އަނދިރި ދުވަސްތަކެއް ކުރިމަތިވި ނަމަވެސް، ފަސޭހަވުމުގެ މަގު އަބަދުވެސް އޮންނާނެއެވެ. އަދި އެއްވެސް މީހަކީ މި ބަލީގައި އެކަނިވެރިއެއް ނޫނެވެ.