ރާމް ޖަންމްބޫމީއަށް ޒިޔާރަތްކުރުމަށްޓަކައި މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާގެ ބްރޭންޑްގެ ސާރީއެއް އަޅައިގެން ދިއުން މަނާކުރި ކަމަށް ބުނެ، ބޮލީވުޑްގެ އެކްޓަރު އަދި ސިޔާސީ ލީޑަރު ކަންގަނާ ރަނާވަތު މަސާބާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ކަންގަނާ ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އޭނާގެ ފިލްމު "ތޭޖަސް" ގެ ޕްރޮމޯޝަންގެ ތެރެއިން ރާމް ޖަންމްބޫމީއަށް ދާން އުޅުމުން، އޭނާގެ ސްޓައިލިސްޓަށް މަސާބާ އެންގީ އެ ބްރޭންޑްގެ ހެދުމުގައި އެތަނަށް ނުދިއުމަށެވެ.

"އަހަރެން ހުރީ ތައްޔާރުވެގެން ނުކުމެ. ލަކްނައު އިން އަޔޯދިޔާއަށް ދާން ފުރާފައި ވަނިކޮށް ސްޓައިލިސްޓް ބުނީ މަސާބާ ބޭނުމެއް ނުވެއޭ އޭނާގެ ސާރީއެއްގައި ރާމް ޖަންމްބޫމީއަށް ދާކަށް. އެ ވަގުތު ހެދުން ބަދަލުކުރެވޭނެ ގޮތެއް ވެސް ނެތް. އެކަމާ ވަރަށް ދެރަވެގެން ކާރު ތެރޭގައި އިނދެ ރޮވުނު،" ކަންގަނާ އޭނާގެ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުގައި ލިޔެފައިވެ އެވެ.

ކަންގަނާ އިތުރަށް ބުނި ގޮތުގައި މަސާބާ ވަނީ އެ ސާރީ އަޅައިގެން ނަގާ ފޮޓޯތަކުގައި މަސާބާގެ ބްރޭންޑް ޓެގް ނުކުރުމަށް ވެސް އަންގާފަ އެވެ. އަދި މިއީ ވަރަށް "ހުތުރު" އަމަލެއް ކަމަށާއި، މިފަދަ "ނަފްރަތާއި ތަފާތުކުރުން" ފެނުމުން މޭނުބައިކުރާ ކަމަށް ވެސް ކަންގަނާ ބުންޏެވެ.

މިކަމާ ގުޅިގެން ކަންގަނާ ވަނީ އޭ.އާރް ރަހުމާން ފަދަ ފަންނާނުންނަށް ވެސް ފާޑުކިޔާފަ އެވެ. އޭނާ ބުނީ އެމީހުން "ކިނބޫ ކަރުނަ" އޮއްސާއިރު، އެމީހުންގެ ހިތުގައި އޮންނަ ނަފްރަތާއި ތަފާތުކުރުންތަކުގެ ވާހަކަ ނުދައްކާ ކަމަށެވެ.

ކަންގަނާ އެންމެ ފަހުން ފެނިގެންދިޔައީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކުޅުނު ފިލްމު "އިމަޖެންސީ" އިންނެވެ.