ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ބޭނުންކުރުމަށް 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި 56 އެމްބިއުލާންސް ދައްކާލައި، އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
މި މަޝްރޫއުގެ ދަށުން ގެނައި އެމްބިއުލާންސްތަކަކީ އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައިވާ އުޅަނދުތަކުގެ ބަދަލުގައި ގެނައި އުޅަނދުތަކެކެވެ. މީގެ ސަބަބުން މިވަގުތު އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ 56 ރަށަކަށް އައު އެމްބިއުލާންސް ފޯރުކޮށްދެވިގެންދާނެ އެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ މި މަސައްކަތް ހަވާލުކުރީ 2025 ވަނަ އަހަރު އެވެ. އެ ކުންފުނިން ވަނީ ތިން ބުރަކަށް ބަހާލައިގެން، މި ހިނގާ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ އެމްބިއުލާންސެއް ރާއްޖެ ގެނެސްފަ އެވެ.
މި ރަސްމިއްޔާތުގައި ހާމަކުރި ގޮތުގައި، މިހާރު ގެނެސްފައިވާ 56 އެމްބިއުލާންސްގެ އިތުރުން، މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އައު އެމްބިއުލާންސް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން، ގްރޭޓަރ މާލެ ސަރަހައްދާއި ސިޓީތަކުގައި ސިއްހީ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސް، އެ ޚިދުމަތް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ދެމެހެއްޓެނިވި ގޮތެއްގައި އެމްބިއުލާންސްގެ ޚިދުމަތް ކަށަވަރުކޮށްދިނުމެވެ.
