ޕާކިސްތާނުގެ މަޝްހޫރު ޓިކްޓޮކް ތަރި ފާތިމާ ޖަތޯއީގެ "ލީކް" ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ 6 މިނެޓާއި 39 ސިކުންތުގެ މި ވީޑިއޯއާ ގުޅޭ ގޮތުން ފާތިމާ ވަނީ އޭނާގެ ދިފާއުގައި ވީޑިއޯ ބަޔާނެއް ނެރެފަ އެވެ. ކީރިތި ޤުރުއާން އަތުން ހިފަހައްޓައިގެން ހުރެ ވާހަކަދައްކަމުން ފާތިމާ ބުނީ، އޭނާގެ ނަމުގައި ފަތުރަމުންދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑީޕްފޭކް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ހަގީގަތާ ޚިލާފު ވީޑިއޯއެއް ކަމަށެވެ.
"މިއީ އަހަރެންގެ އަގު ވައްޓާލުމަށް ބަޔަކު ރާވައިގެން ކުރަމުންދާ ކަމެއް. އަހަރެން މި މަގާމަށް އައީ ވަރަށް ބުރަ މަސައްކަތުން،" ފާތިމާ ބުންޏެވެ.
ޕާކިސްތާނުގެ ސިންދު ޕްރޮވިންސަށް ނިސްބަތްވާ ފާތިމާ އަކީ ސިންދީ ސަގާފަތާއި ހެދުން އެޅުމުގެ ވައްޓަފާޅި ޕްރޮމޯޓުކުރުމަށް މަޝްހޫރު، އަދި މިހާރު ދުބާއީގައި ދިރިއުޅެމުންދާ ނުފޫޒުގަދަ ފަރާތެކެވެ.
މި މައްސަލައިގައި ސައިބާ އެކްސްޕާޓުން ވަނީ އާންމުންނަށް އިންޒާރެއް ވެސް ދީފަ އެވެ. އެފަރާތްތަކުން ބުނާ ގޮތުގައި މި ވީޑިއޯ ބެލުމަށް ދައުރުކުރާ ލިންކުތަކަކީ ފޯނަށް ވައިރަސް ވެއްދުމަށާއި ޒާތީ މައުލޫމާތު ވަގަށް ނެގުމަށް ބޭނުންކުރާ "ފިޝިންގ" ލިންކުތަކެކެވެ. އެހެންކަމުން އެފަދަ ލިންކުތަކަށް ނުވަނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
