ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާ، އެހެން އަންހެނުންނާ ގުޅުން ބާއްވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، އޭނާގެ އަނބިމީހާ ސުނީތާ އަހޫޖާ ވަރަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

"މިސް މާލިނީ" އަށް ދިން އިންޓަވިއުއެއްގައި ސުނީތާ ބުނީ، ގޯވިންދާ އެހެން މީހަކާ ގުޅުން ބާއްވާކަން ސާބިތުވެއްޖެނަމަ އޭނާގެ ކިބައިން ސަލާމަތް ނުވެވޭނެ ކަމަށެވެ.

"އަހަރެން މިއީ ނޭޕާލް މީހެއް. އަހަރެން ރުޅިގަދަވެގެން 'ކުކުރި' (ނޭޕާލް މީހުން ގެންގުޅޭ ވަޅިއެއް) ނަގައިފިނަމަ އެންމެންގެ ހާލަތު ގޯސްވާނެ. އަހަރެންގެ ރުޅިގަނޑު ހުންނަ ގޮތް ގޯވިންދާއަށް ވަރަށް ރަނގަޅަށް އެނގޭނެ. އެހެންވީމަ ބުނަން އޮތީ ބަލައިގެން އުޅޭށޭ،" ސުނީތާ އިންޒާރު ދިނެވެ.

"މިހާރުގެ ކުދިން އުޅެނީ ޝުގާ ޑެޑީ ހޯދަން" ފާއިތުވި 2025 ވަނަ އަހަރަކީ އޭނާއަށް ވަރަށް ހިތްދަތި އަހަރެއްކަން ފާހަގަކުރަމުން ސުނީތާ ބުނީ، އުމުރުން 63 އަހަރު ވެފައިވާ މީހަކު ޅަ ކުދިންނާ ވާހަކަ ދައްކާ އަޑުއިވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

"މިހާރު އުޅޭ ކުދިން ބޭނުންވަނީ އެމީހުންގެ ޚަރަދުތައް ބަލަހައްޓާނެ 'ޝުގާ ޑެޑީ' އެއް. ސިފަ ކިތަންމެ ހުތުރު ވިޔަސް ބޭނުންވަނީ ބަތަލާއަކަށް ވާން. ދެން ކޮންމެވެސް މީހަކު މަޅީގައި ޖައްސައިގެން ބްލެކްމެއިލް ކުރަނީ،" ސުނީތާ ބުންޏެވެ.

ސުނީތާ އިތުރަށް ބުނީ ގޯވިންދާ މިހާރު ވިސްނަންވީ އަމިއްލަ އުފަލަށްވުރެ ބޮޑަށް، ދަރިފުޅު ޓީނާގެ ކައިވެނީގެ ކަންކަމަށާއި ފިރިހެން ދަރިފުޅު ޔަޝްގެ ކެރިއަރަށް ކަމަށެވެ. އަދި ޒުވާން އިރު ގޯސް ހެދުނަސް، މި އުމުރުގައި އެފަދަ ކަންކަން ކުރުމުން މާފު ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.