އިންސާނާގެ ހަށިގަނޑުގެ ދުޅަހެޔޮކަމަކީ އެކި ގުނަވަންތަކާއި ނިޒާމުތައް ގުޅިލާމެހިގެންވާ ކަމެކެވެ. މިގޮތުން އަނގައިގެ ސިއްހަތަކީ ހަމައެކަނި ދަތްތަކާއި ހިރުގަނޑުގެ ރައްކާތެރިކަމަށް އޮތް ކަމެއްގެ ގޮތުގައި މީގެ ކުރިން ބެލެވުނު ނަމަވެސް، އާ ދިރާސާތަކުން ދައްކާގޮތުގައި އަނގައިގެ ސިއްހަތު ސީދާގޮތުން ސިކުނޑީގެ ދުޅަހެޔޮކަމާ ގުޅިފައިވެއެވެ. ވަކިން ހާއްސަކޮށް، ދަތް ފަނިކެއުމަށް މެދުވެރިވާ ބެކްޓީރިއާތަކާއި ނާރުތަކުގެ ބައްޔެއް ކަމަށްވާ ޕާކިންސަންސް ބައްޔާ ދެމެދު އޮތް ގުޅުން މިހާރު ދަނީ ހާމަވަމުންނެވެ.
ސައިންސު ޑެއިލީ (2026) ގައި ބުނެފައިވާތޮތުން ދަތް ފަނިކެއުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. މިކަން މެދުވެރިކުރުވާ ބެކްޓީރިއާތަކަކީ އަޅުގަނޑުމެންނަށް ވަރަށް ފަރިތަ އެއްޗެކެވެ. ނަމަވެސް، ދަތް ފަނިކެއުމަށް އެންމެ މަޝްހޫރު މި ބެކްޓީރިއާތަކަކީ ހަމައެކަނި ދަތްތަކަށް ގެއްލުންދޭ އެއްޗެއް ނޫންކަން ސައިންސްވެރިން މިހާރު ވަނީ ފާހަގަކޮށްފައެވެ. ސިއްރުވެރި ގޮތެއްގައި، މި ބެކްޓީރިއާތައް ސިކުނޑީގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވަމުންދާކަން ދިރާސާތަކުން ދަނީ ފެންނަމުންނެވެ.
ޕާކިންސަންސް ބައްޔަކީ އިންސާނާގެ ހަރަކާތްތަކަށް ބަދަލު އަންނަ، ނާރުތަކުގެ ނިޒާމަށް ޖެހޭ ބައްޔެކެވެ. ދިރާސާވެރިން ބުނާ ގޮތުގައި، އަނގައިގެ ތެރޭގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާތައް ލޭގެ ތެރެއަށް ނުވަތަ ނާރުތަކުގެ ޒަރީއާއިން ސިކުނޑިއަށް ދަތުރުކުރުމުގެ ފުރުސަތު އޮވެއެވެ. މިކަމުގެ ސަބަބުން ސިކުނޑީގައި އިންފްލެމޭޝަން އުފެދި، ޕާކިންސަންސް ބަލީގެ އަލާމާތްތައް ފެނުމަށް ނުވަތަ ބަލި އިތުރަށް ގޯސްވުމަށް މަގުފަހިވެއެވެ.
މީގެ އިތުރުން، އަނގައިގެ ސިއްހަތު ގޯސްވުމުން އުފެދޭ ބައެއް ކަހަލަ ޕްރޮޓީންތަކަކީ ޕާކިންސަންސް ބަލި ހުންނަ މީހުންގެ ސިކުނޑިން ފެންނަ ޕްރޮޓީންތަކާ އެއްގޮތްކަން ވެސް ފާހަގަކުރެވެއެވެ. މިއީ އަނގައިގައި ހުންނަ ޖަރާސީމާއި ސިކުނޑީގެ ބަލިތަކާ ހުރި ވަރުގަދަ ގުޅުމުގެ ހެއްކެކެވެ.
ދަތް ފަނިކެއުމުން ރައްކާތެރިވުމަށްޓަކައި އަނގަޔާއި ދަތްތައް ސާފުކޮށް ބެލެހެއްޓުމަކީ ހަމައެކަނި ހިނިތުންވުން ރީތިކުރުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ޕާކިންސަންސް ފަދަ ނުރައްކާތެރި ބަލިތަކުން ސިކުނޑި ސަލާމަތްކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްވެސް މެއެވެ. އަޅުގަނޑުމެންގެ ހަށިގަނޑަށް ލިބިފައިވާ ސިއްހަތަކީ އަމާނާތަކަށްވީ ހިނދު، ކުޑަ ބެކްޓީރިއާއަކުން ދީފާނެ ބޮޑު ގެއްލުމަކަށް ސަމާލުވުމަކީ ކޮންމެހެން ބޭނުންތެރި އަދި އެހާމެ މުހިއްމު ކަމެކެވެ.
