މާލެ އަތޮޅު ޓާޖް އެގްޒޮޓިކާ ރިޒޯޓާ ދިމާއަށް މުދާ އުފުލާ ބޯޓެއް ބަންޑުންޖަހާލައި، އޭގެން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފިއެވެ. މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ "ބަލްމާ-6" ނަމަކަށް ކިޔާ ބޯޓެކެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ، ހާދިސާ ހިނގިއިރު ބޯޓުގައި ޖުމްލަ ހަތަރު މީހުން ތިބި ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގައި ސަލާމަތްކޮށްފައެވެ. ނަމަވެސް ބާކީ ތިބި ދެ މީހުންގެ ހަބަރެއް އަދި ވެފައިނުވާތީ އެ މީހުން ހޯދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

ގެއްލުނު ދެ މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިންނާއި ޑައިވަރުންގެ ހާއްސަ ޓީމެއް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ކޯސްޓްގާޑުން ބުނީ މީހުން ހޯދުމަށް ކަނޑުގެ އަޑީގެ އިތުރުން ކަނޑުގެ ސަތަހަ ބެލުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މި ބޯޓު ބަންޑުންޖަހާލަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ. އެހެންނަމަވެސް، ގެއްލިފައިވާ ދެ މީހުން ފެނޭތޯ ކޯސްޓްގާޑުގެ ޓީމުތަކުން ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާކަން އެމްއެންޑީއެފް އިން ފާހަގަކުރެއެވެ.