މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް ސްޕޮޓިފައިގެ ވައިރަލް ޗާޓުތަކުން ޖާގަ ހޯދައި، މިލިއަނުން މީހުން އަޑުއަހަމުންދާ ލަވަކިޔުންތެރިޔާ "ސިއެނާ ރޯޒް" އަކީ ހަގީގީ އިންސާނެއް ނޫން ކަމަށް ބުނާ އަޑުތައް ގަދަވެއްޖެއެވެ.
އޭނާގެ މަޝްހޫރުކަން ބޮޑުވެފައިވަނިކޮށް، މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ ކޮމްޕިއުޓަރު ޕްރޮގްރާމްތައް ބޭނުންކޮށްގެން އުފައްދާފައިވާ "ފޭކް" ފަންނާނެއްކަން ހާމަވުމުން ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
މި އޮޅުވާލުމުގެ މަޅީގައި ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް ވެސް ވަނީ ޖެހިފައެވެ. ގޯލްޑެން ގްލޯބްސް އެވޯޑްސްއާ ގުޅުވައި ސެލީނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގެ ބެކްގްރައުންޑް މިއުޒިކަކަށް ސިއެނާ ރޯޒްގެ ލަވައެއް ބޭނުންކުރިއެވެ. ނަމަވެސް ސިއެނާގެ ހަގީގަތާމެދު ސުވާލު އުފެދެން ފެށުމުން އެ ޕޯސްޓު ފަހުން ވަނީ ޑިލީޓްކޮށްފައެވެ. މިއީ މިހާރު މިއުޒިކް އިންޑަސްޓްރީގައި އޭއައިގެ ނުފޫޒު ކިހާ ވަރަކަށް އޮތްކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ސިއެނާ ރޯޒް އަކީ އަސްލު މީހެއް ނޫންކަން ދެނެގަނެވުނު މައިގަނޑު ސަބަބަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާދަޔާ ހިލާފަށް ގިނަ ލަވަތަކެއް ނެރެފައިވުމެވެ. އެގޮތުން އެންމެ ދެ މަސް ދުވަހުގެ ތެރޭގައި 45 އަށްވުރެ ގިނަ ލަވަ ސްޓްރީމިން ޕްލެޓްފޯމްތަކަށް އަޕްލޯޑްކޮށްފައިވެއެވެ. މީގެ އިތުރުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓެއް ނެތުމާއި، ބޭނުންކޮށްފައިވާ ފޮޓޯތަކަކީ އޭއައި އިން އުފައްދާފައިވާ ފޮޓޯތަކެއްކަން ފާހަގަކުރެވޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ޑީޒާ ފަދަ ޕްލެޓްފޯމްތަކުން ވެސް ވަނީ އޭނާގެ ލަވަތަކަކީ ކޮމްޕިއުޓަރުން އުފައްދާފައިވާ އެއްޗެހި ކަމަށް ޓެކްނިކަލް ހޯދުންތަކުން ދައްކާ ކަމަށް ބުނެފައެވެ.
އޭނާގެ ލަވަތައް އަޑުއަހަމުން ދިޔަ މީހުންނަށް މިކަން ވެގެން ދިޔައީ ބޮޑު މާޔޫސްކަމަކަށެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ލަވަތަކުގެ އަޑުގައި "އޭއައި" ގެ އަސަރުތައް ހުރެއެވެ. މިސާލަކަށް ޑްރަމްގެ އަޑުތައް އެއްވަރެއްގައި ނުހިފެހެއްޓުމާއި، ލަވައިގެ ތެރެއިން ގޮތްނޭނގޭ "ހިސް" އަޑެއް އިވުން ހިމެނެއެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ، އެ މީހުންނަށް ރީތިވި ލަވަތަކަކީ އެއްވެސް އިހުސާސެއް ނެތް "ރޮބޮޓް" އުފެއްދުންތަކެއްކަން އެނގުމުން ދެރަވާ ކަމަށެވެ.
މިއުޒިކް އިންޑަސްޓްރީގައި މިފަދަ "ފޭކް" އާޓިސްޓުން ގިނަވަމުން އަންނަނީ ހަރަދު ކުޑަވުމުގެ ސަބަބުންނެވެ. އިންސާނުން ލައްވާ ލަވަކިޔުއްވައި މާކެޓް ކުރުމަށް ބޮޑު ހަރަދެއް ހިނގި ނަމަވެސް، ސިއެނާ ރޯޒް ފަދަ އޭއައި އާޓިސްޓެއް އުފެއްދުމުގެ ހަރަދު ވަރަށް ކުޑައެވެ. އެހެންނަމަވެސް ރިޕޯޓުތައް ބުނާ ގޮތުގައި އޭނާގެ ލަވަތަކުން ހަފުތާއަކު ގާތްގަނޑަކަށް 2،000 ޕައުންޑްގެ އާމްދަނީއެއް ލިބެއެވެ. ޑީޒާ އިން ހާމަކުރާ ގޮތުގައި އެ ޕްލެޓްފޯމަށް އަޕްލޯޑްކުރާ ލަވަތަކުގެ 34 ޕަސަންޓަކީ މިހާރު އޭއައި އުފެއްދުންތަކެވެ.
