"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ސަރުކާރުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ތެރެއިން ގިނަ އަދަދެއްގެ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. މި ފުރުސަތުގައި ޖުމްލަ 15،000 ގޯއްޗާއި 7،900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވާ 15،000 ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެންނެވެ. އަދި ދޫކުރާ 7،900 ފްލެޓް ދޫކުރާނީ މާލެ ސަރަހައްދުންނެވެ. މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅޭނީ މިނިސްޓްރީގެ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. މި ޕޯޓަލަށް ވަދެވޭނީ އީފާސް ބޭނުންކޮށްގެންނެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިތަކެއް ވެސް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބިމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗު 2026 ގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 17 އޭޕްރީލް 2026 އެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މުޖުތަމައުގެ ތަފާތު ފަންތިތަކަށް ބަހާލައިގެން 15 ކެޓަގަރީއަކުންނެވެ. މީގެ ތެރޭގައި އެކަނިވެރި މައިންނާއި ބަފައިން، ނުކުޅެދުންތެރިކަން ހުންނަ މީހުން، ޒުވާނުން، ޓެކްސީ ޑްރައިވަރުން، މަސްވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުން ހިމެނެއެވެ.
މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންނާއި، ޝަރުއީ ދާއިރާ، ފުލުހުން، ސިފައިން އަދި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ވެސް ހާއްސަ ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ. ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު، ކޮންމެ މީހަކަށް ވެސް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.
