މާލެ އަތޮޅު ޓާޖް އެގްޒޮޓިކާ ރިޒޯޓު ކައިރިއަށް މުދާ އުފުލާ ބޯޓެއް ބަންޑުންޖަހާލައި ހިނގި ހާދިސާގައި ގެއްލުނު ދެ މީހުންގެ ތެރެއިން، ދިވެހި މީހާގެ ހަށިގަނޑު ފެނިއްޖެއެވެ.
މި ހާދިސާގައި ބަންޑުން ޖަހާލާފައިވަނީ "ބަލްމާ-6" ނަމަކަށް ކިޔާ ބޯޓެކެވެ.
އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުންދިޔަ އެކަކުގެ ހަށިގަނޑު ޓާޖް އެގްޒޮޓިކާ ކައިރިން ފެނިފައިވާ ކަމަށެވެ. އަދި ފެނުނީ މި ހާދިސާގައި ގެއްލުނު ދިވެހި މީހާގެ ހަށިގަނޑު ކަމަށާއި، އެ ހަށިގަނޑު މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތަރު މީހުން ދަތުރުކުރިއެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގައި ސަލާމަތްކޮށްފައެވެ.
ދިވެހި މީހާގެ ހަށިގަނޑު ފެނުނު ނަމަވެސް، މި ހާދިސާގައި ގެއްލުނު ބަންގްލަދޭޝް މީހާ އަދިވެސް ފެނިފައެއް ނުވެއެވެ. އެހެންކަމުން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމަކުން މިހާރު ވެސް ދަނީ ކުރަމުންނެވެ.
