14 ޖޫންގައި މަރުވި ބޮލީވުޑްތަރި ސުޝާންތު ސިންގުގެ ރާޖްޕޫތުގެ މަރުގައި ފޮރުވިފައިވާ ކަމެއްވާ ކަމަށް ޝައްކު ކުރެވޭތީ ކުރެވޭ ތަހުގީގު އިންޑިޔާގެ ތަހުގީގީ މައި އިދާރާ ސީ.ބީ.އައި އަށް ހަވާލުކުރެވި، ތަހުގީގު އަލުން ފަށައިފިއެވެ. ސީ.ބީ.އައި ގެ ފަރާތުން މިއަދު ވަނީ ސުޝާންތު ސިންގުގެ ގެއަށް ގޮސް ކަން ހިނގާދިޔަ ގޮތްކަމަށް ހެކިން ކިޔާދިން ވާހަކަތަކުގައި ހަމަ ނުޖެހޭ ކަމެއް ވޭތޯ ބެލުމަށް ސީން ރީކްރިއޭޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. ސުޝާންތު ދަން ޖެހިފައި ހުރިކަމަށް ބުނާ ތަނުގައި އޭނާގެ އިސްކޮޅުގެ އުސްމިން ނެތްކަމާއި، އޭނާގެ ކަރުގައި ރަތްވެފައިވާ ތަނަކީ، ދަންޖެހިފައި ހުރިކަމަށް ބުނާ ފޮތިގަނޑުން ލިބުން ޒަޚަމަށް ނުވާނެކަމަށް އޭނާ އާ ގާތް އެތައް ބަޔަކު ވަނީ ބަޔާން ދީފައެވެ.
މި ސީން އަލުން ކްރިއޭޓް ކުރުމަށްޓަކައި، ސުޝާންތު މަރުވި އިރު ފްލެޓްގައި ތިބި އޭނާގެ ކައްކާ ނީރަޖް، މުވައްޒަފު ދިބޭޝް ސާވަންތު އަދި އޭނާގެ ރަޙްމަތްތެރިޔާ ސިއްދާތު ޕިޓާނީ ވަނީ މި ގެއަށް ގެންދެވިފައެވެ. މީގެ ތެރެއިން ސިއްދާތުގެ ބަޔާނުގައި ހަމަ ނުޖެހޭ އެތައް ކަމެއްވާ ކަމަށާ، ހާދިސާއާއި ގުޅޭ ވަރަށް ގިނަކަންކަން ސިއްދާތު ފޮރުވާކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. ސިއްދާތުއަކީ ސުޝާންތު މަރުވެފައި އޮއްވާ ކޮޓަރީގެ ތަޅު ހަލާކުކޮށްލައިގެން ފުރަތަމަ އެތަނަށް ވަން ކަމަށް ބުނާ މީހާއެވެ. ފަންކާގައި ދަންޖެހިފައި ހުރި ސުޝާންތުގެ ވާގަނޑު ކަނޑާލައިގެން، އެނދުމައްޗަށް ތިރިކުރީވެސް ސިއްދާތުކަމަށް އޭނާ ބުނެއެވެ. ނަމަވެސް ސުޝާންތު ދަންޖެހިފައިވާ ހުއްޓާ ފެންނަ އެއްވެސް ފޮޓޯއެއް އާންމު ވެފައެއް ނުވެއެވެ.
ސުޝާންތުގެ ޚަބަރެއް ނުވުމުން ދޮރު ހުޅުވަން ވެގެން ތަޅުދަނޑި ހަދާމީހާކު ގެނައި ކަމަށް ސިއްދާތު ބުނި ނަމަވެސް، ތަޅު ހަލާކު ކޮށްލުމަށްފަހު ދޮރު ހުޅުވުމުގެ ކުރިން ސިއްދާތުވަނީ ދަޅުދަނޑި ހަދާމީހާ އެތަނުން ފޮނުވާލާފައެވެ. އެހެން ކަމުން އޭނާއަށް ވެސް ކޮޓަރީގެ އެތެރެ ފެނިފައެއް ނުވެއެވެ. ދަޅުދަނޑި ހަދާމީހާ ވަނީ، އެ ގެއަކީ ފިލްމީތަރިއެއްގެ ގެއެއްކަން ނޭނގޭކަމާ، އޭނާ ހީކުރީ ކޮޓަރީގެ ތެރޭގައި ވަނީ ދުވަސްވީ ބަލި މީހެއް ކަމަށެވެ. އާންމުގޮތެއްގައި މިފަދަ ހާލަތުގައި ދޮރު ހުޅުވޭގޮތްވުމާއި އެކު ދޮރު ހުޅުވާ، ކޮޓަރީގެ އެތެރޭގެ ހާލަތު ބެލުމަށް އަވަސްވެގަނެވެއެވެ. ނަމަވެސް އެދުވަހު ސިއްދާތު އަށް މުހިންމުވީ އެންމެ ފުރަތަމަ އެމީހާ އެތަނުން ފޮނުވާ ލުމަށެވެ.
އިއްޔެއާއި ހަމައަށް ސިއްދާތުއާއި ދިބޭޝް ސާވަންތުވެސް އުޅުނީ ފޯނު ނިވާލާފައެވެ. ދިބޭސް އަކީ ހާދިސާ ހިނގި ދުވަހު ފުލުހުންގެ ކުރިމަތީގައި ކަޅު ދަބަހަކަށް އެއްޗެހިތަކެއް އަޅައިގެން އެތަނުން ބޭރުކޮށް، އެތަނަށް އައި އަންހެނަކަށް ހަވާލުކުރި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ. މިކަމާ ގުޅޭ ވީޑިއޯތައް ވަނީ އިންޓަރނެޓްގައި އާންމުވެފައެވެ.
މި ތަހުގީގަށް ސީ.ބީ.އައި އިން ވަނީ 15 މީހުންގެ ޓީމެއް މުމްބައި އަށް ފޮނުވާފައެވެ. އާންމުގޮތެއްގައި މިހާ ބޮޑު ޓީމެއް ސީ.ބީ.އައި ގެ ފަރާތުން މައްސަލަތަކުގައި ހަރަކާތްތެރިވާ ތަނެއް ނުފެނެއެވެ. ސީ.ބީ.އައި އިން ވަނީ ސުޝާންތުގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުންނާވެސް ސުވާލުކޮށްފައެވެ. މި ފަދަ ރިޕޯޓެއްގައި އެންމެ މުހިންމުކަމެއް ދެވޭ މައުލޫމާތުކަމަށްވާ، މަރުވި ގަޑި ރިޕޯޓަކު ނެތެވެ. ސުޝާންތުގެ ހަށިގަނޑުން ފެންނަން ހުރި ޒަޚަމްތަކާއު ގުޅޭ އެއްވެސް ކަމެއް ވެސް ރިޕޯޓްގައި ފާހަގަ ކޮށްފައެއް ނުވެއެވެ. ނުރަސްމީ ގަޑީގައި ހެދުނު މި ޕޯސްޓްމޯޓަމް ރިޕޯޓާއި ގުޅޭ ގޮތުން ދެވަނަ ފަރާތެއްގެ އިރުޝާދެއްވެސް ހޯދާފައެއް ނުވެއެވެ. އެހެންކަމުން މި ރިޕޯޓާއި މެދުވެސް ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
