ބޮލީވުޑްގެ އެކްޓަރު އަކްޝޭ ހަންނާގެ ފަހުގެ ފިލްމު "ދުރަންދަރު" ގައި އޭނާ ދެއްކި މޮޅު އެކްޓިންއަށް ގިނަ ބައެއްގެ ތައީދު ލިބިފައިވާއިރު، "ރޭސް 4" އިން އޭނާ ފެނިދާނެ ކަމަށް ފޭނުން ކުރަމުން އައި އުންމީދުތައް ފަނޑުވެއްޖެއެވެ.

މި ފިލްމުގެ ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ވަނީ އަކްޝޭ މި ފްރެންޗައިޒްއަށް އެނބުރި ނާންނާނެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

ތައުރާނީ މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި އަކްޝޭ ކަންނާ އަލުން މި ފިލްމަށް ގެންނަން އެއްވެސް ވިސްނުމެއް ނެތެވެ. އޭނާ ބުނީ "ރޭސް" ގެ ފުރަތަމަ ފިލްމުގައި އަކްޝޭގެ ކެރެކްޓާ އެކްސިޑެންޓެއްވެ، އެ ރޯލު ނިމިފައިވާ ކަމަށެވެ. އެހެންކަމުން ވާހަކަ ކުރިއަށް ގެންދާއިރު އަކްޝޭގެ ކެރެކްޓާއަށް ޖާގައެއް ނެތް ކަމަށް ޕްރޮޑިއުސަރު ފާހަގަކުރިއެވެ.

"ރޭސް 4" ގެ ކާސްޓުންނާ ގުޅޭގޮތުން ވާހަކަދައްކަމުން ތައުރާނީ ބުނީ، "މިވަގުތު މަޝްވަރާކުރަމުން ދަނީ ސައިފް އަލީ ހާން އަދި ސިދްހާރްތު މަލްހޯތުރާ އާ އެކަނި،" ކަމަށެވެ. ނަމަވެސް އަދި އެއްވެސް އެކްޓަރެއްގެ ނަން ފައިނަލް ވެފައިނުވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކަމަށް އޭނާ ބުންޏެވެ. އަދި ފިލްމާ ގުޅޭގޮތުން ފެތުރޭ ދޮގު ވާހަކަތައް ގަބޫލުނުކުރުމަށް އޭނާގެ ޓީމުން ވަނީ އެދިފައެވެ.

"ރޭސް" ފްރެންޗައިޒްގެ ފުރަތަމަ ފިލްމު 2008 ވަނަ އަހަރު ނުކުތްއިރު އަކްޝޭ ހަންނާ ވަނީ މުހިންމު ރޯލެއް އަދާކޮށް، ގިނަ ބައެއްގެ ލޯބި ހޯދާފައެވެ. ނަމަވެސް އާ ފިލްމުގެ މަސައްކަތް ކުރިއަށްދާނީ އޭނާއާ ނުލައިކަން މިހާރު މިވަނީ ޔަގީންވެފައެވެ.