2026 ވަނަ އަހަރާ އެކު، ނޫސްވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސް، "ތީރު މީޑިއާ" އިން އެ ތަނުގެ މަސައްކަތްތައް އެއްކޮށް ޑިޖިޓަލްކޮށް، "ތީރު ވާޗުއަލް އޮފީސް" ތައާރަފުކޮށްފިއެވެ.

މިއީ ނޫސްވެރިންނާއި އެޑިޓަރުން އަދި އުފެއްދުންތެރިންނަށް ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބެގެން ވެސް އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން މަސައްކަތް ކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ އޮފީހެކެވެ. މިއާއެކު އޮފީސް ހިންގުމަށް ހަތަރު ފާރުގެ ބޭނުން ކެނޑި، މަސައްކަތުގެ މާހައުލަށް ޒަމާނީ ބޮޑު ބަދަލެއް ވަނީ ގެނެސްފައެވެ.

މިކަމާ ގުޅިގެން ތީރު މީޑިއާގެ ސީއީއޯ މޫސާ ޝިފާޒް ބުނީ، ތީރު މީޑިއާއަކީ އަބަދުވެސް ވާޗުއަލްކޮށް ހިންގަމުން އައި ތަނެއް ކަމަށެވެ. މީގެ ކުރިން ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތަކާއި ބެކްއެންޑް ސިސްޓަމްތައް ބޭނުންކޮށްގެން ހިންގި ނަމަވެސް، މިއަދު ތައާރަފުކުރި ވާޗުއަލް އޮފީހާއެކު، ވަކި ތަނެއްގައި ނުހުރެ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

"މިއީ 2026 ވަނަ އަހަރު. ނޫސްވެރިން ކޮންމެ ތަނެއްގައި ތިބި ނަމަވެސް މަސައްކަތް ކުރެވެންވާނެ ކަމަށް ތީރުން ގަބޫލުކުރަނީ. އެކަމަށް އެންމެ ބޭނުންވަނީ އިންތިޒާމުވެފައިވާ މެކޭނިޒަމެއް،" މޫސާ ޝިފާޒް ބުންޏެވެ. އޭނާ އިތުރަށް ބުނީ މިކަން ކުރަނީ ނޫސްވެރިކަމުގެ އެތައް އަހަރެއްގެ ތަޖުރިބާ ހުރެގެން، ފިޒިކަލް އޮފީސްތަކުގައި ހުންނަ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ގޮތަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި އޮފީސް އިތުރަށް ތަރައްގީ ކުރަމުން ގެންދާނެ ކަމަށެވެ.

މި ވާޗުއަލް އޮފީހުގައި މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަކުރުމަށް ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި މުވައްޒަފުން މަސައްކަތުގައި އުޅޭ ވަގުތު އެނގޭނެ "ރިއަލް ޓައިމް ޕްރެޒެންސް" އާއި، މަސައްކަތުގެ ފެންވަރާއި ލަނޑުދަނޑިތައް ބެލޭނެ ޑޭޝްބޯޑުތައް ހިމެނެއެވެ. މީގެ އިތުރުން މާކެޓިން ޓޫލްސްތަކާއި، ޓާސްކް މެނޭޖްމަންޓް ސިސްޓަމްތަކުގެ އިތުރުން، ވައިޓްބޯޑާއި ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ މީޓިން ރޫމްތައް ވެސް މި ޑިޖިޓަލް އޮފީހުގައި ހުރެއެވެ.

މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ހިތްހަމަޖެހުމަށް ވެސް މި ނިޒާމުގެ ތެރެއިން އިސްކަންދީފައިވެއެވެ. އެގޮތުން މަސައްކަތުގެ މެދުތެރެއިން ބްރޭކް ނެގުމަށް "ގޭމް ރޫމް" ތަކާއި، އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ހާއްސަ ސަރަހައްްދުތައް ވެސް ވަނީ ހިމަނާފައެވެ.

ތީރު މީޑިއާ އިން ބުނާ ގޮތުގައި މީޑިއާގެ ކުރިމަގު ބިނާވެފައިވަނީ މަސައްކަތް ކުރަން އިށީންނަ ތަނުގެ މައްޗަކަށް ނޫނެވެ. އެކަން ބިނާވެައިވަނީ އުފައްދާ ކްރިއޭޓިވް އުފެއްދުންތަކުގެ މައްޗަށެވެ.