ދަރިންނަށް ދޭ ބޭސްތަކާ މެދު މައިންބަފައިން ސަމާލުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުކޮށް ބޭނުންކުރާ "އެސެޓަމިނޯފަން" ނުވަތަ "ޓައިލެނޯލް" އާ ގުޅޭގޮތުން ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ. މީގެ ތެރެއިން އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ، މާބަނޑު ދުވަސްވަރު މި ބޭސް ބޭނުންކުރުމުން ކުއްޖާއަށް އޯޓިޒަމް ޖެހުމުގެ ފުރުސަތު އޮންނަ ކަމަށް ބުނެ ދެކެވޭ ވާހަކައެވެ. ނަމަވެސް، ސިއްހީ މާހިރުން ހާމަކުރައްވާ ގޮތުގައި މިފަދަ ސާބިތުނުހިފޭ ވާހަކަތަކުގެ ސަބަބުން، މި ބޭހުން ކުރިމަތިވެދާނެ މާ ނުރައްކާތެރި އަދި ސާބިތުވެފައިވާ ހަގީގީ ބިރުވެރިކަމަށް އޮންނަ ސަމާލުކަން ދަނީ ކުޑަވަމުންނެވެ.

އެސެޓަމިނޯފަން އަކީ އާންމުކޮށް ހުން އައުމުން ހުން ތިރިކުރުމަށާއި، ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސުން ނުވަތަ ތަދު ކަނޑުވައިދިނުމަށް ދެވޭ ބޭހެކެވެ. މިއީ އަހަރެމެން އާއްމުކޮށް ދަންނަ ޕެނަޑޯލް ނުވަތަ ޕެރަސެޓްމޯލެވެ. މިއީ ދުނިޔޭގައި އެންމެ ގިނައިން ބޭނުންކުރެވޭ އެއް ބޭސް ކަމަށްވާއިރު، ގިނަ ފަހަރަށް މިއީ ޑޮކްޓަރެއްގެ ސިޓީއަކާ ނުލައި ފިހާރަތަކުންނާއި ފާމަސީތަކުން ލިބޭ ބޭހެކެވެ.

ސައިންސު ޑެއިލީ (2026) ގައި ބުނެފައިވާގޮތުން، ސިއްހީ ތަޖުރިބާކާރުން ބަޔާންކުރާ ގޮތުގައި، ޓައިލެނޯލް ނުވަތަ އެސެޓަމިނޯފަން އާއި އޯޓިޒަމާ ދެމެދު ސީދާ ގުޅުމެއް އޮތްކަން ސައިންޓިފިކް ގޮތުން މިހާތަނަށް ކަށަވަރުކޮށްދެވިފައެއް ނުވެއެވެ. އެހެންނަމަވެސް، މި ބޭހާ ގުޅޭގޮތުން އޮތް އެންމެ ބޮޑު ނުރައްކަލަކީ ބޭސް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބޭނުންކުރުން ނުވަތަ "އޯވަރޑޯޒް" ވުމެވެ. މިއީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް މައްސަލަތަކެއް، ހާއްސަކޮށް ފުރަމޭ (ލިވަރ) ހަލާކުވުމަށް މަގުފަހިވާ ކަމެކެވެ.

ސޯޝަލް މީޑިއާގައި ފެތުރޭ ދޮގު ޚަބަރުތަކުގެ ސަބަބުން، ގިނަ ބައެއްގެ ސަމާލުކަން ހުރީ ބޭހުގެ މިންވަރު ކޮންޓްރޯލް ކުރުމުގެ ބަދަލުގައި، ބޭސް ބޭނުންކުރުމާ މެދު އުފެދިފައިވާ ބިރުވެރިކަމަކަށެވެ. ޓައިލެނޯލްއަކީ ގިނަ ބާވަތްތަކުގެ ބޭސްތަކުގައި (މިސާލަކަށް ރޯގާ ބޭހާއި، ސައިނަސް ބޭހާއި، ތަދުކަނޑުވާ ބޭސްތަކުގައި) އެކުލެވޭ މާއްދާއަކަށް ވުމާއެކު، ނޭނގި ހުރެ ބޭސް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ބޭނުންކުރެވުމުގެ ފުރުސަތު ބޮޑެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އޯޓިޒަމާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށްވުރެ މާ ނުރައްކާތެރި ކަމެކެވެ.

ސޯޝަލް މީޑިއާގައި ފެތުރޭ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ޓައިލެނޯލް ބޭނުންކުރުމުގައި އޮތް އެންމެ ބޮޑު ބިރުވެރިކަމަކީ އޯޓިޒަމެއް ނޫނެވެ. އެއީ ބޭސް ދޭންޖެހޭ މިންވަރަށްވުރެ އިތުރަށް ދިނުމެވެ. އެހެންކަމުން، ބޭސް ބޭނުންކުރުމުގައި ޑޮކްޓަރުންގެ އިރުޝާދަށް ތަބާވުމާއި، ބޭހުގެ ފޮށީގައިވާ މިންގަނޑުތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސައިންޓިފިކް ހެކި ނެތް ވާހަކަތަކަށްވުރެ، ސާބިތުވެފައިވާ ސިއްހީ ނުރައްކާތަކަށް ހޭލުންތެރިވުން މާ މުހިންމެވެ.