އިންސާނާގެ ބިޒީ ދިރިއުޅުމުގައި، ހެނދުނާ ހޭލާގޮތަށް މަސައްކަތުގެ މާހައުލަށް ނުކުންނަން ޖެހެއެވެ. ތެޅިފޮޅިފައި އަވަހަށް ކޮންމެސް ތާކަން ދާންޖެހެއެވެ. ނަމަވެސް މި އަވަސްކަމުގައި ބައެއް މީހުންގެ ހަރަކާތްތައް ލަސްކުރުވަނީ އެމީހުންގެ މޫނުގެ ކުލަވަރުންނެވެ. ނިދާ ހޭލުމަށްފަހުގައި ހުންނަ "ފޮއްސި" މޫނުގެ ސަބަބުން އާންމުންގެ ތެރެއަށް ނުކުންނަން ޖެހިލުންވެސް ވެއެވެ. ދެލޮލުގެ ތިރިއާއި ކޮލާއި އަދި ބައެއް ފަހަރު ތުންފަތްވެސް ދުޅަވެފައި ނުވަތަ ފޮއްސިވެފައި ހުރެއެވެ.

މިކަން މިހެން ދިމާވާ ބައިވަރު ސަބަބުތައް ހުރެއެވެ. އޭގެ ތެރޭގައި ބަނޑުވަތަށް އޮވެ ނިދުމާއި ބާލީހުގައި ބޯ ބޭއްވޭ ގޮތަކުންވެސް މިކަން ދިމާވެދާނެއެވެ. މީގެ އިތުރުން ނިދަން އޮތުމުގެ ކުރިން ފެންބޮވޭ މިންވަރު މަދުވުމާއި، ކެވޭ ކެއުމުގައި ލޮނުގެ މިންވަރު އިތުރު ވުންވެސް ހިމެނެއެވެ. ހަމައެއާއިއެކު، މޫނުގައި ކޮށްފާވައިވާ މޭކަޕަކާއި އެކު ނިދާ ކަމުގައިވަނީނަމަވެސް މިކަން މިގޮތަށް ހިނގާފާނެއެވެ. މިދެންނެވި ކަންތައްތައް އެބީދައިން ހުއްޓަސް، ނިދާ ހޭލާއިރު މޫނުމަތި ފޮއްސި ވެފައި ހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ނިދާފައި އޮންނައިރު، މޫނުމަތީގެ ހަރަކާތްތައް މަދުވުމެވެ.

މިގޮތަށް މޫނުމަތީގައި ހުންނަ ފޮއްސިކަން އަވަހަށް ފިލުވާލުމަށް ކުރެވިދާނެ ބައެއް ކަންކަން އެބަ ހުއްޓެވެ. އެގޮތުން ހޭލެވުމާއެކު ލަސްނުކޮށް މޫނު ދޮވެލުން ވަރަށްވެސް މުހިންމެވެ. އަދި ހަމައެއާއި އެކު ފެންވަރާލުންވެސް މުހިންމެވެ. މީހާގެ ހަށިގަނޑު ތާޒާކޮށްލުމާއި އެކު ހަށިގަނޑުގައި ލޭދައުރުވާ މިންވަރު ރަނގަޅުކޮށްދޭނެއެވެ. ނަތީޖާއަކީ މޫނުމަތީގައިއެވާ ފޮއްސިކަން އަވަހަށް ފިލައިގެން ދިއުމެވެ. ފިނި ފެނުން މޫނު ދޮވެލާނަމަ އަދި މިކަން އިތުރަށް އަވަސް ވެދާނެއެވެ. ފިނި ފެނުން މޫނު ދޮވެލާ މޫނު ފިނިކޮށްލުމުން މޫނުގެ ފޮއްސިކަން އަވަހަށް ފިލާނެއެވެ.

ފިނިކޮށްފައިވާ ކިއުކަންބާއެއް ބުރިކޮއްލުމަށް ފަހު، ފޮއްސިވެފައިވާ ހިސާބުގައި އުނގުޅާލެވިދާނެއެވެ. މިކަމުގެ ސަބަބުން މޫނު ފިނިކޮށްދިނުމުގެ އިތުރުން ހަންގަނޑުގައި އެއްވެސް ކަހަލަ ވިހަކަމެއް ނުވަތަ "އިންފެކްޝަން" އެއް ވާނަމަ އެކަންވެސް ރަނގަޅުކޮށްދޭނެއެވެ. އެހެނީ ކިއުކަންބާގައި "އެންޓިއޮކްސިޑަންޓް" ނަމަކަށް ކިޔާ މާއްދާއެއް އެކުލެވިގެންވާތީއެވެ. މިއީ ހަންގަނޑުގެ ދުޅަހެޔޮކަމަށް މުހިންމު މާއްދާއެކެވެ.

ނިދާ ހޭލުމަށްފަހު ހެލިފެލިވެ ހަރަކާތްތެރިވާނަމަ ވެސް މޫނުގައި ހުންނަ ފޮއްސިކަން ފިލާދިއުމަށް އެހީތެރިވާނެއެވެ. ހޭލެވުމަށް ފަހުގައިވެސް ގިނަ ވަގުތު ތަންމަތީގައި ހޭދަކުރުމަކީ ފޮއްސި ކަން އިތުރުކުރުވާނެ ކަމެކެވެ. މީގެ އިތުރުން ހޭލެވުނުހާ އަވަހަކަށް ފެންފޮދެއް ބޯލުން ވެސް ވަރަށް މުހިންމެވެ. މިކަމުގެ ސަބަބުންވެސް މޫނުގެ ފިނިކަން އިތުރުކޮށްދީ ހަށިގަނޑަށް ތާޒާކަން ވެރި ކުރުވާނެއެވެ.

ނިދަން އޮތުމުގެ ކުރިން، ރަނގަޅަށް ފެން ބުއިމާއި ބަނޑުވަތަށް އޮވެ ނުނިދުމާއި، ނިދުމުގެ ކުރިން މޫނުގައި ހުންނަ މޭކަޕްތައް ފަދަ އެއްޗެހި ފިލުވުމާއި، ނިދުމުގެ ކުރިން އެއްޗެއް ކާނަމަ އޭގައި ލޮނު އެކުލެވިގެން ނުވާ އެއްޗެއް ކެއުމާއި މާގިނައިރު ނުނިދުންފަދަ ކަންތައްތަކަކީ ނިދުމުގެ ސަބަބުން މޫނު ފޮއްސިވާ ފޮއްސިވުން ބޮޑުތަނުން ކުޑަކުރެވޭނެ ކަންކަމެކެވެ.