އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް މި މަހުގެ ނިޔަލަށް ފޮނުވައި ނިމޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިހާތަނަށް ލޯންޗު ލިބިފައިނުވާ 7 އަތޮޅަކަށް އެ އުޅަނދުތައް ހޯދުމުގެ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުންނެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށްޓަކައި، އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގައި ތިއްބަވާ ހާއްސަ ޑޮކްޓަރުން އެހެން ރަށްރަށަށް ދަތުރުކުރުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން ކޮންމެ އަތޮޅު ހޮސްޕިޓަލެއްގައި ވެސް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވެފައި އޮތުމަކީ މި ސިޔާސަތު ތަންފީޒުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ލޯންޗުތަކަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާ ގުޅިގެން ކުރިއަށް ގެންދާ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ ޕްރޮޖެކްޓްގެ ދަށުން ގެންނަ ލޯންޗުތަކެކެވެ. މި މަޝްރޫއުގެ ދަށުން ގެންނަ 7 ލޯންޗުގެ ތެރެއިން 3 ލޯންޗެއް މިހާރު ވަނީ މާލެ ގެނެސްފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ޖަނަވަރީ މަސް ނިމުމުގެ ކުރިން ލޯންޗު ނެތް 7 އަތޮޅަށް ލޯންޗު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި "މިކަމުގެ ސަބަބުން އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ފަސޭހަވެ، ސީ އެމްބިއުލާންސް ނުލިބޭ ހާލަތްތަކުގައި ބޭނުންކުރެވޭނެ ބެކަޕް ނިޒާމެއް ލިބިގެންދާނެ ކަމަ،" ށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ލޯންޗުތައް ފަރުމާކޮށްފައިވަނީ ބަލިމީހުން އުފުލުމާއި، ވެކްސިން އަދި ލެބޯޓްރީ ސާމްޕަލް އެއް ރަށުން އަނެއް ރަށަށް ގެންދިއުން ފަދަ މަލްޓިޕާޕަސް ބޭނުންތަކަށެވެ. ހެލްތް މިނިސްޓްރީން ބުނީ ގިނަ އަތޮޅުތަކަށް 38 ފޫޓުގެ ލޯންޗު ދޫކުރި ނަމަވެސް، ހުވަދު އަތޮޅާއި ފުވައްމުލަކަށް ހަވާލުކުރާނީ 42 ފޫޓުގެ ބޮޑެތި ސްޕީޑް ލޯންޗުތަކެއް ކަމަށެވެ. މި ޕްރޮޖެކްޓް ނިމުމުން ހުރިހާ އަތޮޅު ހޮސްޕިޓަލަކަށް ލޯންޗުގެ ހިދުމަތް ލިބި، ސިއްހީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.