ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން، މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 500 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފިއެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީން ހާމަކުރި ގޮތުގައި މި ފުރުސަތު ހުޅުވާލިތާ އެއް ދުވަސް ތެރޭގައި ޖުމްލަ 518 އެޕްލިކޭޝަން ވަނީ ލިބިފައެވެ.

މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ހުށަހެޅި ފޯމުތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ފްލެޓަށެވެ. އެގޮތުން ފްލެޓަށް އެދި 399 ފޯމު ހުށަހަޅާފައިވާއިރު، ގޯއްޗަށް އެދި ހުށަހަޅާފައިވަނީ 119 ފޯމެވެ. މީގެ އިތުރުން ގިނަ ބަޔަކު ފޯމު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން ޑްރާފްޓް މަރުހަލާގައި ނުވަތަ ފުރިހަމަ ނުކޮށް 3،836 އެޕްލިކޭޝަން ހުރި ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،250 އަކަފޫޓުގެ 15،000 ގޯއްޗާއި 7،900 ފްލެޓެވެ. މި ތަންތަނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ހެނދުނު 9:00 ގައެވެ. އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ހައުސިން މިނިސްޓްރީގެ "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ.

ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދީފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. އެގޮތުން ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗު 2026 ގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 17 އޭޕްރީލް 2026 އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރުތައް ކަމަށްވާ 4004-860 އިން ފެށިގެން 4004-865 އާ ހަމައަށް ގުޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.