އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަ ޑިވެލޮޕްމެންޓް (އިފާޑް) އާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ށ. ގޮއިދޫގައި ގާއިމުކުރާ ގްރީން ހައުސްތަކުގެ މަސައްކަތުގެ 75 ޕަސަންޓު ނިމިފައިވާ ކަމަށް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުނެފިއެވެ. މި މަޝްރޫއަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މުހިންމު ޕްރޮގްރާމެކެވެ.
މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތްތައް ކުރިއަށްދަނީ ގޮއިދޫ ކައުންސިލްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ. ގޮއިދޫ ފާހަގަކުރެވެނީ ޒަމާނީ ދަނޑުވެރިކަމަށް ލޯ ހުޅުވިފައިވާ، އަދި އެ ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިކަމާއެކު މަސައްކަތް ކުރަމުން އަންނަ ދަނޑުވެރިންތަކެއް ތިބި ރަށެއްގެ ގޮތުގައެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، އެ ރަށުގެ 10 ދަނޑެއް ވަނީ މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް (އެމްގެޕް) ގެ 5 މޮޑިއުލް ހިމެނޭހެން ސެޓިފައިޑް ވެފައެވެ. މިއީ ރާއްޖޭގައި މިގޮތަށް ސެޓިފައިޑްވި ފުރަތަމަ ދަނޑުތައްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އެ ރަށުގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އިތުރު އަގު އެއްކޮށްގެން ބާޒާރަށް ނެރުމަށްޓަކައި ހާއްސަ ފެސިލިޓީއެއް ވެސް ވަނީ ގާއިމުކޮށް ނިމިފައެވެ. މި ވަގުތު ކުރިއަށްދަނީ އެ ތަނަށް ބޭނުންވާ މެޝިނަރީތައް ހޯދުމުގެ މަސައްކަތް ކަމަށް މެޕް ޕްރޮޖެކްޓުން މައުލޫމާތު ދެއެވެ.
މެޕް ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ ޕްރޮޖެކްޓުތަކާއި ތަމްރީން ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ. މި މަސައްކަތްތަކުގައި ގޮއިދޫ ކައުންސިލާއި ދަނޑުވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން މިނިސްޓްރީން ފާހަގަކުރެއެވެ.
