ބ. ކެންދޫގައި ކަރަންޓުގެ ޚިދުމަތް ތަރައްގީކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، އެ ރަށުން އަހަރަކު 287 ޓަނުގެ ވިހަ ގޭސް ޖައްވަށް ބޭރުކުރުން މަދުކުރެވޭނެ ކަމަށް ހާމަކޮށްފިއެވެ.

އެ ރަށުގައި ގާއިމުކުރާ ސޯލާ-ޑީސަލް-ބެޓެރި ހައިބްރިޑް ނިޒާމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ވަރަށް ބާރަށް ކުރިއަށެވެ. މި މަޝްރޫއުގެ ދަށުން ކެންދޫގައި 249 ކިލޯވޮޓް ޕީކްގެ ސޯލާ ޕީވީ ސިސްޓަމަކާއި، 344 ކިލޯވޮޓް އަވަރގެ ބެޓެރި އެނާޖީ ސްޓޯރޭޖް ސިސްޓަމެއް (ބީއީއެސްއެސް) ގާއިމުކުރެވޭނެއެވެ.

މި ނިޒާމުގެ އެންމެ ބޮޑު ބޭނުމަކީ ޑީސަލަށް ކުރާ ހޭދަ ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި ނިޒާމު ބޭނުންކުރަން ފެށުމުން، ކެންދޫއަށް ކަރަންޓު ދިނުމަށް އަންދާ ޑީސަލްގެ ތެރެއިން އަހަރަކު 117,181 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޖައްވަށް ދޫކުރާ ގެއްލުން ހުރި ގޭހުގެ ތެރެއިން 287 ޓަނުގެ ކާބަން އިމިޝަންސް މަދުކުރެވިގެންދާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. ރައީސްގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެއްދެވުމެވެ.

ކެންދޫގައި ގާއިމުކުރާ މި ހައިބްރިޑް ނިޒާމާއެކު، ރަށުގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް އިތުބާރު ހުރި ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ލިބިގެންދާނެއެވެ.