އުމުރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކަށް ޚާއްސަކޮށްގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފްލޫ ކްލިނިކެއްގެ ޚިދުމަތް ފަށައިފިއެވެ.
މި ކްލިނިކުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތް އެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ. އެގޮތުން، ކްލިނިކަށް ދިއުމުގެ ކުރިން ފުރަތަމަ ދާންޖެހޭނީ އީއާރް ޓްރައިޖަށެވެ. އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ފްލޫ ކްލިނިކް ޓޯކެން ނަމްބަރެއް ނެގުމުން، ބަލިމީހާ ދާންވީ ފްލޫ ކްލިނިކަށްތޯ ނުވަތަ އިމަޖެންސީ ރޫމަށްތޯ ޓްރައިޖުން އިރުޝާދު ދޭނެއެވެ.
މި ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށެވެ. ޑޮކްޓަރަށް ދެއްކުމާއި ލޭގެ ސާމްޕަލް ނެގުމުގެ ޚިދުމަތް ލިބޭނީ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމް ނަންބަރު 10 އިންނެވެ.
މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު އުމުރާގެ އަޅުކަމަށްފަހު އެނބުރި އަންނަ ދުވަސްވަރަކަށް ވެފައި، އާންމުކޮށް މި މޫސުމުގައި ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް އިތުރުވާކަން ފާހަގަކުރެވެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވޭތުވެދިޔަ މަހު ޑެންގީ ހުން ފެނުނު މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު އިތުރުވެފައެވެ. އަދި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ ކޭސްތައް ވެސް މި ދުވަސްވަރު އިތުރުވަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
