ސީރިއާގެ އުތުރާއި އިރުމަތީގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް އެ ގައުމުގެ ސަރުކާރު ސިފައިން ނަގައިފިއެވެ.

މިއީ އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން އައި ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ކުއްލި ގޮތަކަށް އެ ތަންތަން ދޫކޮށްލުމާ ގުޅިގެންނެވެ. މި ބަދަލާއެކު ސީރިއާގެ ރައީސް އަޙްމަދު އަލް-ޝަރާގެ ވެރިކަން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

މި ބަދަލު އައިސްފައިވަނީ ސަރުކާރު ސިފައިންނާއި އެސްޑީއެފްއާ ދެމެދު ހިނގި ކުރިމަތިލުންތަކަކަށްފަހު، އެސްޑީއެފް އިން ރައްގާ އާއި ދައިރު އަލް-ޒޯރު ޕްރޮވިންސުން ފައިބަން އެއްބަސްވުމުންނެވެ. މި ދެ ސަރަހައްދަކީ ސީރިއާގެ މައިގަނޑު ތެޔޮ ވަޅުތައް ހުންނަ، އަދި ކުރުދީން ވަރަށް ގިނަ ދުވަސް ވަންދެން ކޮންޓްރޯލް ކުރަމުން އައި ސަރަހައްދުތަކެވެ. ރޮއިޓާސްގެ ނޫސްވެރިންނަށް ވަނީ އެ ސަރަހައްދުތަކުގެ ތެޔޮ ވަޅުތަކާއި ގޭސް ޕްލާންޓްތަކުގައި ސަރުކާރު ސިފައިން ހަރަކާތްތެރިވާ މަންޒަރު ފެނިފައެވެ.

މިއީ 2024 ވަނަ އަހަރު އިސްލާމިސްޓް ހަނގުރާމަވެރިންގެ ލީޑަރު ޝަރާ، ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވައްޓާލި ފަހުން ސީރިއާގެ ޗާޓަށް އައި އެންމެ ބޮޑު ބަދަލެވެ. މިކަމުގެ ސަބަބުން ސަރުކާރާއި ކުރުދީންނާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމަށް ހައްލެއް ލިބި، ސަރުކާރުގެ ބާރު ވަނީ ގަދަވެފައެވެ.

ރައީސް ޝަރާ އާއި އެސްޑީއެފްގެ ކޮމާންޑަރު މަޒްލޫމް އަބްދީ ސޮއިކުރެއްވި 14 ނުކުތާގެ މި އެއްބަސްވުމުގައިވާ ގޮތުން، އެސްޑީއެފްގެ ހަނގުރާމަވެރިން ވަކި ޔުނިޓެއްގެ ގޮތުގައި ނޫން ގޮތަކަށް، ފަރުދީ ހައިސިއްޔަތުން ސީރިއާގެ ދިފާއީ އަދި ދާހިލީ ވުޒާރާގެ ދަށަށް ބަދަލުވާނެއެވެ. އަދި ބޯޑަރުތަކާއި، ޖަލުތަކުގެ އިތުރުން ތެޔޮ ވަޅުތައް ސަރުކާރާ ހަވާލުކުރަން ޖެހެއެވެ. އެމެރިކާއިން މެދުވެރިވެގެން ހެދި މި އެއްބަސްވުމަށް ތުރުކީން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.