ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އާއި އޭނާގެ އަނބިމީހާ ޓްވިންކަލް ކަންނާ ދަތުރުކުރަމުންދިޔަ ސެކިއުރިޓީ ކޮންވޯއީ މުމްބާއީގެ ޖުހޫ ސަރަހައްދުގައި އެކްސިޑެންޓު ވެއްޖެއެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ ހޯމަ ދުވަހުގެ ހަވީރު، އެ ދެމަފިރިން އިންޑިއާއިން ބޭރުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ގޮސް، އެއާޕޯޓުން ގެއަށް ދަނިކޮށެވެ.
މުކްތޭޝްވަރު ރޯޑް ކައިރިން ހިނގި މި އެކްސިޑެންޓު މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި އައި މާސިޑީޒް ކާރެއް އޮޓޯއެއްގެ ފަހަތުގައި ޖެހި، އެ އޮޓޯ ކޮންޓްރޯލުން ނެއްޓި ގޮސް އަކްޝޭގެ ސެކިއުރިޓީ ކޮންވޯއީގެ ވެހިކަލެއްގައި ޖެހުމުންނެވެ.
މި ހާދިސާގައި އަކްޝޭ އާއި ޓްވިންކަލް ތިބި ކާރަށް އެއްވެސް ގެއްލުމެއް ނުވެއެވެ. އަދި އެ ދެމީހުންނަށް ވެސް އެއްވެސް އަނިޔާއެއް ނުވެ ސަލާމަތްވެފައިވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދެއެވެ. ނަމަވެސް އެކްސިޑެންޓުވި އޮޓޯގެ ޑްރައިވަރަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.
