ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރާއި އޭނާގެ އަނބިކަނބަލުން ޓްވިންކަލް ކަންނާ ދަތުރުކުރި ކާރު މުމްބާއީގައި ނުރައްކާތެރި އެކްސިޑެންޓަކާ ކުރިމަތިވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު، އެ ދެމަފިރިން ކައިވެނީގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭން ބޭރަށް ކުރި ދަތުރަކަށްފަހު އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ މުމްބާއީގެ ޖޫހޫ ސަރަހައްދުގައެވެ. ބާރު ދުވެލީގައި ދުއްވާފައި ދިޔަ މަރސިޑީޒް ކާރެއް އޮޓޯ ރިކްޝާއެއްގައި ޖެހި، ކޮންޓްރޯލުން ނެއްޓިގެން ގޮސް ފުރަތަމަ ޖެހުނީ އަކްޝޭގެ ސެކިއުރިޓީ ކޮންވޯއީގައެވެ. އޭގެ ފަހުން އެ ރިކްޝާ ގޮސް ޖެހުނީ އަކްޝޭއާއި ޓްވިންކަލް ތިބި ކާރުގައެވެ.
މި ހާދިސާ ދުށް މީހުން ބުނި ގޮތުގައި އެކްސިޑެންޓާ އެކު އެ ސަރަހައްދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. ރިކްޝާގެ ދަށުގައި ޑްރައިވަރާއި އޭގައި އިން ފަސިންޖަރު ތާށިވިއެވެ. ނަމަވެސް، އަކްޝޭ ކުމާރާއި އޭނާގެ ޓީމުން ވަގުތުން ކާރުން ފައިބައި، ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް އެހީތެރިވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު، އަކްޝޭގެ ދެމަފިރިންނާއި ސްޓާފުންވެސް ހާލު ރަނގަޅު ކަމަށް އޮފިޝަލުން ކަށަވަރުކޮށްދެއެވެ.
އަކްޝޭ ކުމާރަކީ އާންމުކޮށްވެސް އިންސާނިއްޔަތުކަމުގެ ނަމޫނާ ދައްކަމުން އަންނަ ތަރިއެކެވެ. ދާދި ފަހުން މުމްބާއީގެ މުނިސިޕަލް އިންތިޚާބުގައި ވޯޓުލާން ގޮސް އުޅުމުގެ ތެރޭގައިވެސް، އެހީތެރިކަމަށް އެދުނު އަންހެނަކަށް އަކްޝޭ ވަނީ ވަރަށް އޯގާތެރިކަމާއެކު ޖަވާބުދީފައެވެ. އެ އަންހެން މީހާގެ ބައްޕަ ދަރަނިވެފައިވާތީ އެހީތެރިކަމަށް އެދުމުން، އެކަމަށް މަގުފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އަކްޝޭ ދިނުމުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބުނެވެ.
މިފަހަރުގެ އެކްސިޑެންޓުން އަކްޝޭއާއި އޭނާގެ އާއިލާ ސަލާމަތްވުމުން، ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ފޭނުން ދަނީ އުފާ ފާޅުކޮށް، ހެޔޮ ދުއާ ފޮނުވަމުންނެވެ.
