އަންނާރަކީ އޭގެ ޒާތުގައި ކުއްލި ފަރުވާއެއް ލިބޭ މޭވާ އެއް ނޫން ނަމަވެސް، މިއީ ސިއްހީ ގޮތުން ލިބޭ ފައިދާތަކާ ބެހޭގޮތުން އެންމެ ގިނައިން ދިރާސާކުރެވިފައިވާ އެއް މޭވާއެވެ. އަންނާރުގައި އެކުލެވޭ ބާރުގަދަ އެންޓިއޮކްސިޑެންޓްތައް ކަމަށްވާ ޕޮލިފީނޯލްސް ، ޕިއުނިކަލަޖިންސް އަދި އެލަޖިކް އެސިޑް އަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދޭ މާއްދާތަކެކެވެ. މިއީ ހިތުގެ ބަލިތަކާއި، ހަކުރުބަލި އަދި ބައެއް ބާވަތުގެ ކެންސަރު ފަދަ ދާއިމީ ބަލިތަކުން ދުރުވުމަށް އެހީތެރިވެދޭ މުހިންމު ބަހާއެކެވެ.
ސައިންސު ޑެއިލީ (2026) ގައި ބުނެފައިވާގޮތުން، އަންނާރު ޖޫހަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް މަދުކުރުމަށް އެހީވެދޭ އެއްޗެކެވެ. މީގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމާއި، ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަން ކުޑަކުރުމަށް ވެސް އަންނާރު އެހީތެރިވެދެއެވެ.
ކެންސަރު ބައްޔަށް މިއީ ސީދާ ފަރުވާއެއް ނޫން ނަމަވެސް، ކެންސަރު ސެލްތައް އުފެދުން ލަސްކޮށްދިނުމާއި ސެލްތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އަންނާރުގައި ހުންނަ މާއްދާތަކުން ބާރު ފޯރުވާކަން ދިރާސާތަކުން ވަނީ ހާމަވެފައެވެ.
އަންނާރުގައި ގިނަ އަދަދަކަށް ފައިބަރު އެކުލެވިގެންވުމުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމު ހަރުދަނާވެ، ބަނޑުގެ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި އޭގައި ހުންނަ ބަޔޯއެކްޓިވް މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެގެންދެއެވެ. ދުޅަހެޔޮ ކާނާގެ ތެރޭގައި ގަވާއިދުން އަންނާރު ހިމެނުމަކީ ދާއިމީ ބަލިތަކުން ރައްކާތެރިވުމަށާއި، އެފަދަ ބަލިތައް މެނޭޖްކުރުމަށް އިންސާނުންގެ މައްޗަށް ކުރެވިފައިވާ ގިނަ ދިރާސާތަކުން ސާބިތުވެފައިވާ ކަމެކެވެ.
