އެއްވެސް ގައުމަކަށް ދަތުރުކޮށްފައި ނުވާ އަދި ބަލި މީހަކާ ސީދާ ދިމާވެފައިނުވާ މީހުންނަށް އެމްޕޮކްސް (މަންކީޕޮކްސް) ޖެހޭ ސަބަބު ސައިންސްވެރިން ހޯދައި، މި ބަލީގެ ނުރައްކާ ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ ބޮޑުވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.

ކެމްބްރިޖް ޔުނިވާސިޓީން ކުރިއަށް ގެންދިޔަ އާ ދިރާސާއަކުން ދައްކާ ގޮތުގައި، އެމްޕޮކްސް ޖެހުމުން ހަށިގަނޑުން ބޭރުފުށުގެ އެއްވެސް އަލާމާތެއް ނުފެނި (އެސިމްޕްޓޮމެޓިކްކޮށް) ބަލި ފެތުރުމުގެ ގާބިލުކަން މި ވައިރަހުގައި ހުރެއެވެ. މިއީ މީގެ ކުރިން މި ބައްޔާ މެދު ސިއްހީ މާހިރުން ދެކެމުން އައި ގޮތް ބަދަލުކޮށްލަން ޖެހޭ ފަދަ ހޯދުމެކެވެ.

މި ހޯދުމުން، ދާދި ފަހުން އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ފެނުނު "ގޮތް ނޭނގޭ" ކޭސްތަކުގެ ހަގީގަތް ހާމަވެގެންދެއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު އިނގިރޭސިވިލާތުން ވަނީ އެ ގައުމުން ބޭރަށް ދަތުރުކޮށްފައި ނުވާ، އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓް ވެފައި ނުވާ މީހެއްގެ ގައިން އެމްޕޮކްސްގެ ނުރައްކާތެރި ވައްތަރެއް ކަމަށްވާ "ކްލޭޑް 1ބީ" ފެނިފައެވެ. އޭރު އެމީހާއަށް ބަލި ޖެހުނު ގޮތެއް ހޯދިފައި ނުވި ނަމަވެސް، އާ ދިރާސާއިން އެނގެނީ އެއީ އަލާމާތް ނުފެންނަ މީހެއްގެ ފަރާތުން އެރި ބައްޔެއް ކަމަށް ވުމުގެ ފުރުސަތު ބޮޑު ކަމެވެ.

ނައިޖީރިއާގައި ހެދި މި ދިރާސާގައި ބައިވެރިކުރި ސިއްހަތު ރަނގަޅު މީހުންގެ ތެރެއިން 3 އިންސައްތަ މީހުންގެ ގައިން އެމްޕޮކްސް އެންޓިބޮޑީސް ވަނީ ފެނިފައެވެ. މީގެ މާނައަކީ އެމީހުންނަށް ބަލި ޖެހި ރަނގަޅުވިއިރު ވެސް، ހުން އައުމާއި ގައިގައި ބިހި ނެގުން ފަދަ އަލާމާތެއް ފެނިފައި ނުވުމެވެ.

ޓެކްސަަސް ސައުތުވެސްޓާން ޔުނިވާސިޓީގެ އިންފެކްޝަސް ޑިޒީޒް އެސޯސިއޭޓް ޕްރޮފެސަރ، ޑރ. ކްރުޓިކާ ކުއްޕައްލީ ވިދާޅުވީ މިއީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

"އަލާމާތް ނުފެންނަ ނަމަ، ނުވަތަ ވަރަށް ކުދި ބިހިތަކެއް ހުރުމުން އެއީ އެހެން ކަމެއް ކަމަށް ހީކޮށް ފަރުވާ ކުޑަކޮށްލެވިދާނެ. މި ހާލަތުގައި އެމީހުންނަށް ނޭނގި ތިބެ، ޖިންސީ ގުޅުމުން ނުވަތަ ގައިގޯޅިވުމުގެ ތެރެއިން އެހެން މީހުންނަށް ބަލި ފަތުރަމުން ގެންދާނެ،" އޭނާ ވިދާޅުވިއެވެ.

މި ދިރާސާގެ އަލީގައި ސައިންސްވެރިން ލަފާދެނީ، ހަމައެކަނި އަލާމާތް ފެންނަ މީހުންނަށް ފަރުވާ ދިނުމަކުން ބަލި ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ. އަދި މިގޮތަށް "ހިމޭންކަމާއެކު" ބަލި ފެތުރޭނަމަ، ދިފާއީ ނިޒާމު ބަލިކަށި ކުޑަކުދިންނާއި މާބަނޑު މީހުންނަށް އޮތް ނުރައްކާ ހީކުރާ ވަރަށް ވުރެ ބޮޑުވެދާނެ ކަމަށް ވެސް މާހިރުން އިންޒާރު ދެއެވެ.

ރެފަރެންސް: ކެމްބްރިޖް ޔުނިވާސިޓީ 2026