އޭޑީކޭ ހޮސްޕިޓަލުގެ ޝަފީއާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސްއައިއެޗް) އިން ހިންގި ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް، ހަތް ގައުމަކުން ތައުލީމު ހާސިލްކޮށްގެން އައި 18 ދަރިވަރަކު ފުރިހަމަކޮށްފިއެވެ. މިއީ އެ ހޮސްޕިޓަލުން މިފަދަ ޕްރޮގްރާމެއް ހިންގި ފުރަތަމަ ފަހަރެވެ.

މި ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަކީ މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާގެ މެޑިކަލް ޔުނިވާސިޓީތަކުން ޑޮކްޓަރުކަން ކިޔަވައިގެން އައި ދަރިވަރުންނެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 18 އިން ފެށިގެން މިއަހަރުގެ ޖެނުއަރީ 16 ގެ ނިޔަލަށް، 52 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ސެޓްފިކެޓް އެ ހުރިހާ ދަރިވަރުންނާ ވަނީ ހަވާލުކޮށްފައެވެ.

އޭޑީކޭއިން މައުލޫމާތު ދިން ގޮތުގައި މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ފުރިހަމަ އަމަލީ ތަޖުރިބާ ލިބޭނެ ގޮތަށެވެ. މީގެ މައިގަނޑު ބޭނުމަކީ، އަމިއްލައަށް ސިއްހީ ހިދުމަތް ދިނުމުގެ ގާބިލުކަން އެ ޑޮކްޓަރުންގެ ކިބައިގައި ހުރިކަން ކަށަވަރު ކުރުމެވެ.

މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ހޮސްޕިޓަލުގެ ކްލިނިކަލް ތަމްރީނުތަކުގެ އިތުރުން، ނަފްސާނީ ބަލިތަކާ ބެހޭ ހާއްސަ ބައެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކޮށް، އެތަނުގެ ކަންކަން ދަރިވަރުން ވަނީ ތަޖުރިބާކޮށްފައެވެ.

މީގެ އިތުރުން، އާންމު ސިއްހަތާ ގުޅޭ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، ބ. އަތޮޅާއި ރ. އަތޮޅަށް އަމާޒުކޮށްގެން ދެ ހަފުތާގެ މުއްދަތަށް "ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމެއް" ވެސް ވަނީ ހިންގާފައެވެ. މި ހަރަކާތްތަކުގެ ސަބަބުން އަސާސީ ސިއްހީ ހިދުމަތްތަކުގެ ތަޖުރިބާ އިންޓާނުންނަށް ލިބިގެން ދިޔަ ކަމަށް އެސްއައިއެޗް އިން ބުންޏެވެ.