މަޝްހޫރު ފްރެންޗައިޒް ޝޯ "ގޮޓް ޓެލެންޓް" ގެ ސްރީލަންކާ އެޑިޝަން ކަމަށްވާ "ސްރީލަންކާސް ގޮޓް ޓެލެންޓް" ގައި ވާދަކޮށް، ދިވެހިރާއްޖެއަށް އުފަން އުމުރުން 17 އަހަރުގެ މަރިޔަމް މިސްކް އެ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ލަންކާގައި ދިރިއުޅެމުން އަންނަ މިސްކް އަކީ މީގެ ކުރިން އެ ގައުމުގައި ހުންނަ ސޯސަން ވިލާގައި ބާއްވާ މަދަހަ މުބާރާތްތަކުން ފާހަގަކޮށްލެވުނު ހުނަރުވެރި ކުއްޖެކެވެ.

މުބާރާތުގެ ފުރަތަމަ ބުރުގެ އޮޑިޝަންގައި މިސްކް ހުށަހަޅައިދިނީ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސުނީދީ ޗައުހާންގެ "ކައިސީ ޕަހޭލީ ޒިންދަގާނީ" އެވެ. އޭނާގެ ހުށަހެޅުމަށް ފަނޑިޔާރުންގެ ފަރާތުން ތައުރީފާއި އިސްލާހުކުރަންވީ ކަންކަން ވެސް ފާހަގަކުރިއެވެ. މިސްކް ދެވަނަ ބުރަށް ހޮވުނީ ޖުމްލަ ހަތަރު ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ވޯޓާ އެކުގައެވެ.

މިސްކްގެ އާއިލާއިން ބުނި ގޮތުގައި އޭނާއަކީ ޅެމާއި މަދަހަ ކިޔުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އަދި ސޯސަންވިލާގައި ބާއްވާ ކޮންމެ މަދަހަ މުބާރާތެއްގައި ވެސް ބައިވެރިވެ، އޭނާ ވަނީ ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލްކޮށްފައެވެ. ނަމަވެސް، މިއީ އޭނާ ލަވަ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރު ކަމަށް އާއިލާއިން ފާހަގަކުރެއެވެ. މީގެ ކުރިން އޭނާ ސްޓޭޖެއްގައި ލަވަ ކިޔާފައި ވަނީ ސޯސަންވިލާގައި ބޭއްވި ހަފުލާއެއްގައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް މިސްކަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ސޯސަން ވިލާގެ ޒުވާނުންގެ ކަންކަމާ ބެހޭ ބޭފުޅުންގެ ފަރާތުންނެވެ. އާއިލާއިން ބުނާ ގޮތުގައި މިސްކް އަކީ ތަފާތު އެކި ދާއިރާތަކުން ހުނަރު ހުރި ކުއްޖެކެވެ.

މި އަހަރުގެ ސްރީލަންކާސް ގޮޓް ޓެލެންޓްގައި މިސްކްގެ އިތުރުން އެހެން ދިވެހި ކުއްޖަކު ވެސް ބައިވެރިވެ ހުނަރު ދައްކާލައިފައިވެއެވެ. ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނައިރު، ބޭރު ގައުމުތަކުގައި ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ދިވެހި ޒުވާނުން ހިފަމުން އަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ.